ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ނޯދާން އަޔާލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނަ އަށް ޖަރުމަނީ ޖެހިލައިފިއެވެ.
ނޯދާން އަޔާލެންޑްގައި ކުޅެވުނު މިމެޗުގައި ޖަރުމަނީގެ ފަރާތުން މޮޅު ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ގޯލާއި ބޮޑަށް ނުރައްކާކޮށްފައިވަނީ ނޯދާން އަޔާލޭންޑުންނެވެ. އެހެންނަމަވެސް އެޓީމު އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތްވެފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.
ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންއައި ޖަރުމަނީއިން ދެވަނަ ހާފަށް ނުކުމު ނޯދާން އަޔާލޭންޑަށް ރަނގަޅަށް ގޭމަށް ނުވަދެވި އުޅެނިކޮށް ލަނޑެއްޖަހައި ލީޑުނެގިއެވެ. މެޗުގެ 48 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ހަލްސްޓެންބާގް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ޖަރުމަނުގެ ސީނިއާ ޓީމަށް އޭނާޖެހި ފުރަތަމަ ލަނޑެވެ.

ޖަރުމަނީގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސާޖް ނާބްރީއެވެ. ނާބްރީވަނީ މިއަހަރު މިހާތަނަށް ޖަރުމަނަށް ކުޅެދިން ފަސް މެޗުން ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޭގެ މިމޮޅާއެކު ކުޅުނު ފަސް މެޗުން 12 ޕޮއިންޓްލިބި ގްރޫޕްގެ އެއްވަނައަށް ޖަރުމަނީއަށް ލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މިގްރޫޕްގެ ދެވަނަ ނޯދާން އަޔާލޭންޑަށްވެސް 12 ޕޮއިންޓް ލިބިފައިވެއެވެ. ޖަރުމަނަށް ފައިދާ 11 ގޯލް ލިބިފައިވާއިރު ނޯދާން އަޔާލޭންޑަށް ލިބިފައިވަނީ ފައިދާ އެންމެ 3 ގޯލެވެ.




