ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ގްރިޒްމަންއަތުން ޕެނަލްޓީއެއް ނާކާމިޔާބުވިނަމަވެސް އެންޑޯރާއާއި ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެއްޖެއެވެ.
މީގެ ހަތަރުދުވަސް ކުރިން އަލްބޭނިއާއާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައިވެސް ލިބުނު ޕެނަލްޓީވަނީ ގްރިޒްމަން އަތުން ނާކާމިޔާބުވެފައެވެ.
އަމިއްލަ ދަނޑުގައި ރޭކުޅެވުނު މެޗު ފްރާންސް ކާމިިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ހުރިހާގޮތަކަށް ފްރާންސް ކޮންޓްރޯލް ކުރަމުންދިޔަ މިމެޗުގައި އެޓީމަށް ލަނޑުތައް ޖަހާދީފައިވަނީ ކޯމަން، ލެންގްލެޓް އަދި ޔެޑާއެވެ. ފްރާންސްއިން މެޗުގައި 31 ހަމަލާ އުފައްފާފައިވާއިރު، އެންޑޯރާއަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ.
އެންޑޯރާއިން ޔޫރޯ ކޮލިފައިންގައި މިހާތަނަށް 56 މެޗު ކުޅެފައިވާއިރު، އެހުރިހާ މެޗަކުންވެސް އެޓީމުވަނީ ދަށްވެފައެވެ.
ރޭގެ މޮޅާއެކު ފްރާންސަށް ގްރޫޕްގެ އެއްވަނާގައި ހިފަހައްޓާލެވުނުއިރު، ދެވަނަގައި އޮތް ޓާކީއަށްވުރެ ކުރި ފްރާންސަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ދެޓީމަށްވެސް ޖުމްލަ 15 ޕޮއިންޓްލިބިފައިވާއިރު، ފްރާންސަށް ފައިދާ 15 ގޯލް އެބައޮތެވެ. އަދި ޓާކީއަށް ލިބިފައިވަނީ ފައިދާ 12 ގޯލެވެ.




