ވެލެންސިއާއާއި ދެކޮޅަށް މެސީއަށް ނުކުޅެވޭއިރު، ޑޯޓުމުންޑް މެޗުގެވެސް އުންމީދު ކުޑަ!

މިހަފްތާ ބަންދުގައި ބާސެލޯނާއިން ވާދަވެރި ވެލެންސިއާއާއި ދެކޮޅަށް ނުކުންނަ މެޗުގައި ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވޭއިރު، އޭގެ ފަހުން އަންނަ ހަފްތާ މެދުތެރޭ ޖަރުމަނުގެ ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާއިން ޗެމްޕިއަންސް ލީގުގައި ނުކުންނަ މެޗުގައިވެސް ނުކުޅެވިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ޕްރީ ސީޒަންގައި ނަޕޯލީއާއި ދެކޮޅަށް އެމެރިކާގައި ކުޅުނު މެޗުގައި ލިބުނު އަނިޔާއަކަށްފަހު ބާސެލޯނާއަށް މެޗެއް ކުޅެދީފައިނުވާ މެސީ، މިސީޒަންގައި ބާސެލޯނާގެ ޖާޒީގައި ދަނޑުމަތިން ފެނިފައެއްނުވެއެވެ.

މެސީގެ އިތުރުން އެކްލަބަށް ކުޅެމުން އަންނަ އުރުގުއާއީގެ ފޯވާޑު ލުއިސް ސުއަރޭޒްވެސް ވެލެންސިއާއާއި ދެކޮޅަށް ބާސެލޯނާއިން ނުކުން މެޗުގެ ސްކޮޑްގައި ހިމަނާފައެއްނުވެއެވެ. ސުއަރޭޒްއަށް އަނިޔާވެފައިވަނީ ސީޒަން ހުޅުވި މެޗުގައި އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުން ބާސެލޯނާ ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ލަލީގާގައި ބާސެލޯނާ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ރެއަލްބެޓިސްއަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި މެޗެވެ. ސީޒަން ހުޅުވި މެޗުގައި އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅެ ބާސެލޯނާ 0-1 ގެ ނަތީޖާއަކުން ދަށްވެފައިވާއިރު، އަލަށް ޕްރޮމޯޓްވި އޮސަސޫނާއާއި ބައްދަލުކޮށްވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 12:00 ގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ