ޤައުމުއޮތީ ކަރުއޮތް ފައްޓަރުބައި ދަވާލާ ހިސާބުގައި ކަމަށް ޕްރޮގްރެސިވް ކޯލިޝަން އިން މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާ (ސުޖާ) ވިދާޅުވީ ޤައުމުއޮތީ ކަރުއޮތް ފައްޓަރުބައި ދަވާލާ ހިސާބުގައި ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސުޖާ ވިދާޅުވީ، މި ސަރުކާރުން ނުދަވާ އެއްވެސް ތަނެއް، ނުދަވާ އެއްވެސް އެއްޗެއް، މިހާރަކު މިގައުމަކުނެތް ކަމަށެވެ. އަދި މިގައުމުގައި މިހާރު މިހިނގާ ސަރުކާރު މިއޮތީ ފައްޓަރު ބައިވެސް ދަވާލާ ހިސަބުގައި ކަމަށެވެ.
މި ސަރުކާރު މިހިނގަނީ ވަރަށް ބޮޑު ނުރައްކަލަކާ ދިމާލަކަށް ކަމަށާއި، މިހެން ކަމުން މިކަން ކަމާއި ދެކޮޅަށް މާދަމާރޭ 20:30 ގައި އާޓިފިޝިއަލް ބީޗްގައި ބާއްވާ ރެލީއަށް ދިވެހި ގައުމުދެކެ ލޯބިވާ، މިގައުމުގެ މިނިވަން ކަމާއި، މިގައުމުގައި އިސްލާމްދީން ބޭއްވުމަށް ލޯބި ކުރައްވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން، މި ވަބާ ވެރިކަމުން ސަލާމަތް ވުމަށް ބާއްވާ މިހަރަކާތަށް ދައުވަތު އަރުވާ ކަމަށް ސުޖާ ވިދާޅުވިއެވެ.
ސުޖާ އިތުރަށް ވިދާޅުވީ، މިތިބީ ސަރުކާރަށް ދޫދީގެން ގެޔައް އަރާ ނިދަން ނޫން ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ އިދިކޮޅު ހަރަކާތް މުޅިން ނައްތާލުން ކަމަށާއި، ސަރުކާރައް ބަސްކިޔައި ސަރުކާރައް ފާޑުކިޔާ މީހުންނަށް ގާނޫނަށް ބަދަލުގެނެސް ގެންވިޔަސް އެކަން ހުއްޓުވުމުގެ ޕްރޮގްރާމް ހިންގަމުންދާ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން ބޭނުންހާ ސަކަރާތެއް ޖަހަން، ބޭނުންހާ އެއްޗެއް ހަދަން ފުރުސަތު ނުދޭނެ ކަމަށާއި، އެގޮތަކަށް ދޫ ނުދޭނެ ކަމަށެވެ. ކޯލިޝަނުން މިއޮތީ މިގައުމަށް އިސްލާހުގެ މަގައް ގެނެސް، މިގައުމަށް މިހާރު ދިމާވަމުންދާ ކަންތައްތަކުން ސަލާމަތް ކުރުމަށް ކަމަށް ސުޖާ ވިދާޅުވިއެވެ.



