ސިއްޙީ ފަރުވާއަށް ދައުލަތުން ކުރާ ހޭދަ އިތުރުވިއަސް ރައްޔިތުންގެ ޖީބަށް ލުއިވެއްޖެ - ހެލްތް މިނިސްޓަރ

ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާގެ ޚިދުމަތް ދައުލަތުން ކުރާ ހޭދަ އިތުރުވިއަސް ރައްޔިތުންގެ އަމިއްލަ ޖީބުން ޞިއްޙީ ފަރުވާއަށް ކުރާ ހޭދަ އިހުނާ އަޅާބަލާއިރު، އެތައް ގުނައެއް ކުޑަވެއްޖެކަމުގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްޙީ ވަސީލަތްތައް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދަޅުވީ ޝައްކެއްވެސް ނެތްގޮތުގައި، ޞިއްޙީ ޚިދުމަތްތައް ޤާއިމު ކުރުމަށާއި ޞިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި، ސަރުކާރުން، ކޮންމެ އަހަރަކުވެސް ވަރަށްބޮޑު ހޭދައެއް ކުރާކަމަށެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ހެލްތު އެކައުންޓްސް 2015-2017ގެ ނަތީޖާ ދައްކާގޮތުން، 2017 ވަނަ އަހަރުގައި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ހިމެނޭގޮތަށް މުޅި ޖުމްލަ ރާއްޖޭގެ ޞިއްޙީ ކަންކަމަށް ގާތްގަނޑަކަށް 6290 މިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، މި ހޭދައިގެ %77 އަކީ ސީދާ ސަރުކާރުން ކޮށްފައިވާ ޚަރަދުކަމަށެވެ.

މިއީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ ހިމެނޭ ފަންތީގެ އެހެން ޤައުމަތަކާ އަޅާ ކިޔާއިރު، ނިޞްބަތުން ބޮޑު ހޭދައެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ، ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާގެ ޚިދުމަތް، އިޖްތިމާޢީ ޞިއްހީ އިންޝޫރެންސް، އާސަންދައިގެ ދަށުން ލިބޭލިބުން އިހުނަށްވުރެ ފުޅާވެގެން ދިއުމުގެ ނަތީޖާއަކީ، ދައުލަތުން ކުރާ ހޭދަ އިތުރުވިއަސް ރައްޔިތުންގެ އަމިއްލަ ޖީބުން ޞިއްޙީ ފަރުވާއަށް ކުރާ ހޭދަ އިހުނާ އަޅާބަލާއިރު، %29 އިން %20 އަށް ދައްވުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމެއްގެ މުސްތަޤްބަލް ބިނާވެގެންވަނީ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަމަށާއި ޤައުމު ބިނާކޮށް، ޤައުމުގެ އިޤްތިޞާދު ދިރުވާ އަދި ތަރައްޤީގެ ޙަޤީޤީ އުފާ ޙާޞިލުކުރެވޭނީ، ރައްޔިތުންނަކީ ޞިއްޙީ ދުޅަހެޔޮކަމާއެކު އުފެއްދުންތެރިބައެއް ކަމުގައި ވެގެންކަމަށެވެ.

އަދުގެ ސަރުކާރުން މިވަނީ، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ ހޭދަ އިހުނަށްވުރެ އެތައްގުނައެއް އިތުރުކޮށްފައިކަމަށާއި، އިތުރު ހަސްފަތާލުތަށް ސަރަހައްދުތަކުގައި ޤާއިމުކޮށް، މިހާރު ހުރި ތަންތަނުގެ ފެންވަރު ރަންގަޅުކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރަން ފަށާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރިޕޯޓު ބުނާގޮތުން، ސިއްޙީދާއިރާއަށް ކުރާ ހޭދައިގެ ބޮޑު ބައެއް ހޭދަ ކުރެވެނީ ބަލިން ރައްކާތެރިވުމުގެ ބަދަލުގައި ބަލިބައްޔަށް ފަރުވާ ހޯދުމަށްކަމަށާއި، ރާއްޖޭގައި އަހަރަކު މަރުވާމީހުންގެ %80 އަކީ، ހިތުގެ ބަލިތަކާ، ސްޓްރޯކާ، ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާ، ކެންސަރާ، ހަކުރުބައްޔާއި ކިޑްނީގެ ބަލިތަކާ، ނުވަތަ، ތިމާގެ ދިރިއުޅުމުގައި ގެންގުޅެވޭ ޞިއްޙަތާ ބީރައްޓެހި އާދަތަކާ ގުޅިފައަވާ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މީހުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އޮނަރަބަލް އިބްރާހިމް އަމީރްއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު، ޑރ. އަރުވިންދު މާތުރުއާއި ދައުލަތުގެ އިސް ބޭފުޅުންގެ އިތުރުން ހެލްތް މިނިސްޓްރީގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ