ތ.އަތޮޅުގައި ފުލުހުން ތިއްބަވާ ހުރިހާ ރަށަކަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ކުރައްވަމުންދާ ދަތުރުފުޅުގައި މަޑިފުއްޓާއި ދިޔަމިގިއްޔަށް ވަޑައިގެން އެދެރަށުގައި އިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވައިދެއްވައިފިއެވެ.
ތ.އަތޮޅުގައި ފުލުހުން ތިއްބަވާ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގައި މަސައްކަތްކުރައްވާ ފުލުހުންނާއި، ފުލުހުންގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ޢާއްމު މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މެމްބަރުންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވައިފައެވެ. އިއްޔެއާއި މިއަދު ތ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ތ.ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ތިމަރަފުށި، ކިނބިދޫ، ވޭމަންޑޫ، އަދި ހިރިލަންދޫއަށް ވަޑައިގެން އެރަށްތަކުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިތުރުން ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި ޚިދުމަތްތައް ފުޅާކުރުމާއި، ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަޑިފުއްޓާއި ދިޔަމިގިލީގައި ގާއިމު ކޮއްފައިވާ އާ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުލުހުންނާއި، ކައުންސިލްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލުފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ އަޅުގަނޑުމެން ކޮންމެ ރަށެއްގެ ރައްޔިތެއްގެ މުޖުތަމައެއްގެ އެންމެ ބޮޑު އުއްމީދަކީ އަޅުގަނޑުމެންގެ ރަށަށް އަތޮޅަށް މުޅި ޤައުމަށް ހިތްހަމަޖެހުމާއި އުފަލާ ކުރިއެރުން ގެނެސްދިނުންކަމަށެވެ. އަޅުގަނޑުމެން އުޅޭ މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަމާއެކުގަ އަޅުގަނޑުމެންގެ ހަޔާތް ވޭތުކުރުމުގެ ފުރުޞަތު ލިބުންކަމަށެވެ. އެމަނިކުފާން ވިދާޅުވީ ކުރިއަރާ ތަރައްޤީވެގެންދަނީ އޭގެ ފަހަތުގައި ވަރަށްގިނަ މަސްދަރުތައް ހިމެނިގެންކަމަށެވެ.. އަދި ކުރިއެރުމާއި ތަރައްޤީ ހިފެހެއްޓި އެމުޖުތަމައުއެއް ވީރާނާވެގެންދަނީ ބައިވަރު ސަބަބުތައް އޮވެގެންކަމަށެވެ. މުޖުތަމައުއެއް ކުރިއަރާ ތަރައްޤީވެގެން ދިއުމުގެ އެންމެ މުޙިއްމު އެއް ބަހާއަކީ އެބައެއްގެ މެދުގައި އޮންނަ ސުލުހަވެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާން ވިދާޅުވީ ކޮންމެ ސަބަބަކާހުރެ ނަމަވެސް އެމުޖުތަމައެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި މުޖުމަތަމައެއްގެ ތެރޭގައި ސުލުހަވެރިކަމާއި ސުލުހަމަސަލަސްކަން ގެއްލި ނާމާންކަމާއި ބައިބައިވުން އުފެދިއްޖެ ހިނދެއްގައި އެމުޖުތަމައުއަކީ ކުރިއަރާދެވޭނެ މުޖުތަމައުއެއްނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން، ރައްޔިތުންގެ ޞުލުހަވެރިކަމާއި އެކުވެރިކަން ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. ހޯމް މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ޒިންމާތަކުގެ ތެރެއިންވެސް ރައްޔިތުންގެ ސުލުހަމަސަލަސްކަން ޤާއިމްކޮށް، ރައްޔިތުންނަކީ އެކުވެރި އެއްބައިވަންތަ ބަޔަކަށް ހަދާ ރައްޔިތުންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި ބިނާކުރުމަކީ މުޙިއްމު ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަސްލަހަތާއި، ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ޚާއްޞަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއި އެކުގައި، ސަރުކާރުގެ ސިޔާސަތުތަކާއެކުގައި ރައްޔިތުންގެ އަމާންކަން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް، އެކަމުގައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން" މިނިސްޓަރ ވިދާޅުވިއެވެ.

މަޑިފުށި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އެމަނިކުފާން އުއްމީދުކުރައްވަނީ ފުލުހުންގެ މިމުއައްސަސާއަކީ ހަމައެކަނި ކުށްކުރާ މީހުން ހިފަހައްޓާ ނުވަތަ ކުށްކުރާ މީހުން ކޮންޓްރޯލްކުރާ މުއައްސަސާއަކަށްވުމުގެ ބަދަލުގައި މުޅި މުޖުތަމައުގެ ފާގަތިކަމާއި އުފަލަށް މުޅި މުޖުތަމައުގެ ހަމަޖެހުމާއި، ތަރައްޤީއަށް ކޮންޓްރިބިއުޓްކުރާ، މުޅު މުޖުތަމައުގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރާ މަރުކަޒަކަށް ނުވަތަ ސްޓޭޝަނަކަށް ވެގެންދިއުންކަމަށެވެ.
"ރައްޔިތުންގެ ހުރިހާ އިހުޞާޞްސަތަކާއި، ރައްޔިތުންގެ ހުރިހާ ކަންތައްތަކެއް ދެނެގަނެ ކައިރިން ބަލާ އެކަމުގައި ރައްޔިތުންނަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭ މުއައްސަސާއަކަށް އަޅުގަނޑުމެންގެ މުއައްޞަސާ ވެގެންދިއުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ އުއްމީދުކުރާގޮތް. އަދި އެކަމަށް ބޭނުންވާވެސްގޮތް" މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ މިއަދު ބައްޓަންކުރަމުން މިދަނީ އެބީދައިންކަމުގެ ޔަޤީންކަންވެސް ހޯމް މިނިސްޓަރ ދެއްވިއެވެ.



