އެއްޗެއް ސޭވް ކޮއްލަން ނުވަތަ ހެއްކެއްގެ ގޮތުގައި ބަހައްޓަން ބޭނުން ވިޔަސް ސްކްރީންޝޮޓް ނެގުމަކީ މިހާރު ވަރަށް ގިނަ މީހުން ކޮއް އުޅޭ ކަމެކެވެ.
ދެމީހެއްގެ ދެމެދުގައި ވާހަކައެއް ދެކެވުނަސް ގިނަފަހަރަށް އޮންނަނީ ސްކްރީންޝޮޓް ތަކެއްގެ ގޮތުގައި އެހެން ބަޔަކަށް ފެނިފައެވެ. މިކަމުގެ ސަބަބުން އެހެން މީހުން ކުރިމަތީ ތިމާ ބޭޒާރުވާ ފަހަރުތައް ވެސް މަދެއް ނުވާނެއެވެ.
ތާކުން ރީތި ލިޔުންކޮޅެއް ފެނުނަސް ގަންނަން ކަމުދާ ގަޑިއެއް، ބޫޓެއް، ފައިވާނެއް، ލިޕްސްޓިކް އެއް ނުވަތަ ދަބަހެއް ކަމުގައި ވިޔަސް އޮންނަނީ ސްކްރީންޝޮޓް ނަގާ ސޭވް ކޮއްލާފައެވެ. މިހެން ގޮސް ފޯނުގެ މެމޯރީ ފުރޭއިރުވެސް ސްކްރީންޝޮޓް ނެގުމަކަށް ބަދަލެއް ނާދެއެވެ. ހަމަ އެއްޗެއް ފެންނަ އިރަށް ސްކްރީންޝޮޓް ނަގާލެވެއެވެ.
ފޯނު ސްޓޯރޭޖް ފުލް ވެގެން އެ ވާހަކަ ދައްކާ ގިނަ މީހުންގެ ފޯނުގައި ހާހުން ދެ ހާހުން ސްކްރީންޝޮޓްތައް ހުންނާނެ ކަން ޔަގީނެވެ. ހަމަ ޑިލީޓް ކޮއްލާނެ އެންމެ ގަނޑެއް ވެސް ނެތީއެވެ. ހައްތަހާވެސް މުހިންމު ބޭނުންތަކަށް ސޭވް ކުރެވިފައި ހުރި އެއްޗިއްސެވެ. މިއީ ގިނަ މީހުންގެ މިއަދުގެ ހާލަތެވެ.




