ދިވެހިރާއްޖޭގައި ގިނަ އެއާޕޯޓްތައް އެޅުމަކީ ބޯގަޅި ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ވީނަމަވެސް، އެއީ ދިވެހި ރައްޔިތުންގެ ތަރައްޤީ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، "ދަވާލައިފި" ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭގައި ބާއްވަމުންދާ ސިޔާސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ، ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް އެޅުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތު ކަމަށާއި، ނަމަވެސް ގިނަ އެއާޕޯޓްތަކެއް އެޅުމަކީ ބަޔަކަށް "ބޯގަޅި ކަމަކަށް" ވީނަމަވެސް އެއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތަރައްޤީ ކަމަށެވެ.
ވަކި ބޭފުޅެއްގެ ނަން ރައީސް ޔާމީން ވިދާޅު ނުވިނަމަވެސް، އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެނީ ކުޅުދުއްފުށީ އެއާޕޯޓާއި، ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ "މޮޔަ ކަމެއް" ކަމަށް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެއާޕޯޓްގެ ޓާމިނަލް ނޫން އެހެން މަސައްކަތްތައް ނިންމެވި ކަމަށާއި ޓާމިނަލް ނިމުމާއެކު އެއާޕޯޓްގެ މަންފާ ދިވެހި ޤައުމަށް ލިބެންފަށާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމާއެކު އަތޮޅުތެރެއަށް ފަތުރުވެރިކަން ފެރުރިގަންނަ ވަގުތު އަޅަންފަށާފައިވާ ޑޮމެސްޓިކް އެއާޕޯޓްތައް މުހިންމުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަދި ޓޫރިޒަމް އެކި ދިމަދިމާލަށް ފެތުރިގެން ދާއިރު ރާއްޖޭގެ ހުރިހާ ދިމާލެއްގައި އެއާޕޯޓްތައް ހެދީމާ ބަޔަކަށް އެއީ ބޯގަޅި ކަމެއް ކަމުގައި ވީނަމަވެސް، އަޅުގަނޑުމެން ދެކެނީ އެއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މުއްސަނދިކަމެއް ކަމަށް، އެހިސާބުން ޓޫރިޒަމް އެތަންމިތަނަށް މިދަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުގެ ގިނަ ކަންތައްތަކަކަށް މިރޭގެ ޖަލްސާގައި ފާޑުވިދާޅުވެފައެވެ.




