މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިނގްސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ވަޒީފާއިން ވަކިކޮށްފައިވާކަމަށް އަޑުފެތުރިފައިވަނީ، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރި ދެ ފުލުހުން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރި ކޯޕްރަލް މުޙައްމަދު ޖިނާޙްއާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ރިޟްވާން މައްސަލައިގައި ތުހުމަތު ލިބޭ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، އެ ދެ ފުލުހުންނާ ގުޅޭގޮތުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް އިން ބަލަމުންދިޔަ މައްސަލަ ބަލާ ނުނިމޭ ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް އިން ބަލަމުންދިޔަ މައްސަލަ ނިމި، އެ ނިންމުން ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯޒް ކުރެއްވުމުން ހާމަކުރައްވާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ދެ ފުލުހުން ވަޒީފާއިން ވަކިކުރިކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރި ނަމަވެސް، އެ ދެ ފުލުހުންނާ ގާތް ފަރާތްތަކުން ބުނަމުންދަނީ އެ ފުލުހުން މިއަދު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.




