މެޗުތަކުގައި ޓީމަށް އިރުޝާދުދިނުމަށް ދަނޑަށްދާއިރު ސޫޓްނުލާ ސަބަބު ޔާގެން ކްލޮޕް ހާމަކޮށްފިއެވެ.
މިހާރު ލިވަޕޫލަށް އިރުޝާދު ދެމުން އަންނަ ކްލޮޕް ލިވަޕޫލް އެހެން ހަރުފަތަކަށް އަލުން ގެންގޮސްދީފައިވާއިރު، ލިވަޕޫލަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މިހާރު ޗެމްޕިއަނުންނެވެ. ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓް ލީޑަކާއިއެކު އޮތް ލިވަޕޫލްވަނީ އެންމެފަހުން ކުޅުނު 14 މެޗުންވެސް މޮޅުވެފައެވެ.
އެހެންނަމަވެސް ލިވަޕޫލަށް މިހާބޮޑު ކުރިއެރުމަށް ގެނެސްދީފައިވާ ކްލޮޕް އަބަދުވެސް ފެންނަނީ އެހެން ކޯޗުންނާއި ޚިލާފަށް ޓްރެކް ސޫޓަކާއެކުގައެވެ. ސޫޓްލައިގެން ޓައީ އަޅައިގެން ޓީމަށް އިރުޝާދުދޭތަނެއް ނުފެނެއެވެ.
ކްލޮޕް އިތުރަށް ދަނޑަށް ގެންދަނީ ހަމައެކަނި އޭނާގެ އުފާވެރި ހިނިތުން ވެލުމެވެ. އަދި މެޗުތަކުގައި ސޫޓް ނުލައި ސަބަބު ކްލޮޕްވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެންމެފަހުން ހާމަކޮށްފައެވެ.

"އަހަރެން އަތުގައި ކައިވެނީ ޙަފްލާތަކަށާއި، ޖަނާޒާތަކަށް ދިއުމަށް ސޫޓް ހުންނާނެ. މީގެއިތުރުން އަހަރެން ސޫޓްލަނީ އެހެން މީހަކު ސޫޓްލާށޭ ބުނުމުން. އަމިއްލައަށް ފެނިގެން ނުލަން. އަހަންނަށް ސޫޓް ލައިގެން އުޅެން އެހާ ފަސޭޙައެއްނޫން. އަދި ސޫޓާއެކު ރަނގަޅަށް ނޭވާވެސް ނުލެވޭ." ކްލޮޕް ބުންޏެވެ.
އަދި އޭނާއަށް ޓީމުން ދީފައިވާ ޓްރެކް ސުއިޓް ވަރަށް ކަމުދާކަމަށާއި، އަދި ޓްރެކް ސޫޓްގެ ސަބަބުން ފުންމުމުގެ އިތުރުން އެހެން ކަންކަމަށްވެސް ފަސޭޙަވެގެންދާކަމަށްވެސް ކްލޮޕްވަނީ ބުނެފައެވެ.
މީގެއިތުރުން ކްލޮޕް ބުނީ، ޓީމަށް އިރުޝާދު ދިނުމަށް ބޭރުގައި ހުންނައިރު ކޮންމެހެން އޭނާ ރީތިވާން ބޭނުންނުވާކަމަށާއި، ބޭނުންވަނީ ދަނޑުމަތީގައި ކުޅޭ އޭނާގެ ޓީމުގެ ކުޅުން ރީތިވުމަށްކަމަށެވެ.



