ގޭންގްތަކަށް ނިސްބަތްވާ، ޔުވެންޓަސްގެ ސަޕޯޓަރުންތަކެއް ޙައްޔަރުކޮށްފި

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ނިސްބަތްވާ 12 ސަޕޯޓަރުކު އިޓަލީގެ ފުލުހުން ޙައްޔަރުކޮށްފިއެވެ.

މިމީހުން ޙައްޔަރުކޮށްފައިވަނީ އަހަރަކަށްވުރެ ގިނަދުވަސް ވަންދެއް މިމީހުނަށް ފާރަލުމަށްފަހުގައެވެ.

ފުލުހުން ވިދާޅުވީ ޙައްޔަރުކުރި މީހުންނަކީ ތަފާތު ގޭންގްތަކަށް ނިސްބަތްވާ މީހުންކަމަށާއި، އޭގެތެރޭގައި ޑްރަގީ، ޓްރެޑިޒިއޯން، ވައިކިންގ އަދި ނިއުކްލިއޯ 1985 ވެސް ހިމެނޭކަމަށެވެ. އަދި މިމީހުން މެޗު ބަލަންވަންނަނީ އަލިއަންސް ސްޓޭޑިއަމްގެ 'އަލްޓްރާސް' ސެކްޝަންއަށްކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިޙައްޔަރުކުރެވުނު މީހުން ސްޓޭޑިއަމްގެ އޮފިޝަލުންނަށް ބިރުދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭއިރު، މިމީހުންނަށް ގިނަ އަދަދަކަށް ޓިކެޓް ވިއްކުމަށް އޮފިޝަލުން ދެކޮޅު ހެދުމުން ދަނޑުމަތީ އިދިކޮޅު ޓީމަށް މަލާމަތްކޮށް އެއްޗެހި ގޮވާނެކަމުގެ ބިރު ދައްކާފައިވާކަމަށް މިމައްސަލަ ތަޙުޤީޤުކުރި ފަރާތްތަކުން ބުނެފައިވެއެވެ. މީގެއިތުރުން އެފަރާތުން ބުނީ ގިނަ އަދަދެއްގެ ޓިކެޓް ގަތުމުގެ ބޭނުމަކީ ފަހުން އެޓިކެޓް ބޮޑު އަގުގައި އެހެން ފަރާތްތަކަށް ވިއްކުންކަމުގައެވެ.

ސްޕޯޓަރުންގެ ގްރޫޕަކަށް ގިނަ އަދަދަކަށް ޓިކެޓް ވިއްކި މައްސަލައެއްގައި މީގެ ދެއަހަަރުކުރިން ޔުވެންޓަސް ޖޫރުމަނާކޮށް، ސްޓޭޑިއަމްގެ ބައެއް ބަންދުކޮށްގެން މެޗުކުޅެންވަނީ އަންގާފައެވެ. އަދި މާފިއާއާއި ގުޅުންހުރި ސަޕޯޓަރުންނަށް ޓިކެޓް ވިއްކި މައްސަލައެއްގައި ކްލަބުގެ ރައީސް އެންޑްރޭ އަގްނެލީ ޖޫރުމަނާކޮށް، އެއްއަހަރު ދުވަހަށް ދަނޑަށް ނުވަދެވޭގޮތް ހަދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ