ވައްކަން ކޮށްގެން ފިހާރައިން ނިކުމެވުނީ ފުލުހުން ކުރިމަށްޗަށް

ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން އެ ފިހާރައިން ވައްކަން ކުރި ޒުވާނަކަށް، ވައްކަން ކޮށްގެން ނުކުމެވުނީ ފުލުހުން ކުރިމަށްޗަށެވެ.

އެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 04:40 އެހާކަންހާއިރު އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު އެ ފިހާރަ ތެރެއިން ދަބަހެއް ހިފައިގެން ވައްކަންކޮށްގެން ނިކުން މީހާ ފުލުހުން ފެނުމާއެކު ދަބަސް އެއްލައިލުމަށްފަހު ވަނީ ފިލަން ދުއްވައިގަންފައެވެ. ނަމަވެސް ފުލުހުން އެ މީހާ ފަހަތުން ގޮސް ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރި އިރު އޭނާ އެއްލައިލި ދަބަސްތެރެއިން ގިނަ އަދަދެއްގެ މޯބައިލްފޯނާއި، ޓެބްލެޓަކާއި، މޯބައިލް ފޯނާއި ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ