މާލޭ މަގުމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ކާރެއްގެ މައްޗަށް ގަހެއް ވެއްޓިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި ކަލާފާނު ސުކޫލްގައި ހުރި ގަހެއް ވެއްޓިފައިވަނީ އެ ސްކޫލް ކައިރީ މަގުމަތީގައި ޕާކްކޮށްފައި އޮތް ޓެކްސީ ކާރެއްގެ މައްޗަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 07:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ޓެކްސީ މައްޗަށް ވެއްޓުނު ހިރުނދުގަސް ނެގުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު، ފޮޓޯއިން ފެންނަ ގޮތުގައި ގަސް ވެއްޓިފައިވަނީ ގަހުގެ ގޮފިގަނޑެއް ވީދައިގެން ގޮސްގެންނެވެ.

މިހާދިސާއާއި ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.




