13 އަހަރަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ސްޕއިންގެ ރެއަލްމެޑްރިޑް ދަށްވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅެވުނު މެޗުން ރެއަލްމެޑްރިޑް ދަށްވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވާއިރު. އެދެލަނޑުވެސް ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ކުރިން ރެއަލްމެޑްރިޑަށް ކުޅުނު ޑިމާރިއާއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެންގޮސްފައިވާއިރު، މިލަނޑު ޖަހާދީފައިވަނީ ތޯމަސް މެއުނިއާއެވެ.

ޕީއެސްޖީއިން ރޭގެ މެޗުކުޅެފައިވަނީ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ނުހިމަނައެވެ. އެގޮތުން އެމްބާޕޭ އަދި ކަވާނީވެސް އަނިޔާގެ ސަބަބުން ރޭގެ މެޗު ކުޅެފައިނުވާއިރު، ސަސްޕެންޑްގް ސަބަބުން ނޭމާއަށްވަނީ ރޭގެ މެޗު ކުޅެވޭގޮތް ނުވެފައެވެ. އަދި ޔޫއެފާއިން ނޭމާގެ ސަސްޕެންޑް ދެމެޗަށް ލުއިކުރުމާއި ގުޅިގެން ނޭމާއަށް ޕީއެސްޖީ ޖާޒީގައި މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅެވޭނީ އަންނަ އޮކްޓޯބަރ 22 ގައި ކްލަބު ބްރަގެސްއާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗުގައެވެ.
ރެއަލްމެޑްރިޑާއެކު ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޒިދާންއަށް ރޭގެ ބައްޔަކީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލިވި ފަސް ވަނަ މެޗެވެ. އަދި ގްރޫޕް ސެޓޭޖް މެޗެއްގައި ބަލިވި ދެވަނަ ފަހަރެވެ.
މިދިޔަ ސީޒަންގައި ރެއަލްމެޑރިޑްގެ ފަރާތުން ފެނުނު ދަށްކުޅުމުގެ ސަބަބުން، ކްލަބު އަލުން ކޮޅުޖެހުމަށްޓަކައި ޒިދާން އަނބުރާ ރެއަލްމެޑްރިޑަށް ގެނެސްފައިވަނީ މިއަހަރުގެ މާރޗު މަހުގައެވެ.



