ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކެމްޕެއިން ހަރަކާތްތަޖަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް ޔާމީން މ އަދި ފ އަތޮޅަށް ފެއްޓެވި ދަތުރުފުޅު ކުރުކޮށްލަން ނިންމެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެންނެވެ.
ދެއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފ އަތޮޅަށް ވަޑައި ނުގަންނަވާ ރައީސް ޔާމީން މިއަދު މެންދުރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރޭ މ.މުލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންވެސް ވަނީ ކެންސަލް ކުރައްވާފައެވެ.

ޕީއެންސީގެ ނައިބު ރައީސް ދާދި ދެންމެ ވިދާޅުވީ، ރޭގެ އަލިފާނުގެ ހާދިސާގައި ޝަހީދުވި ޝައުނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށާއި، މަރުހޫމާގެ ފުރާނައަށް ހެޔޮދުއާ ކުރައްވާ ކަމަށެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރޭ މާލޭގައި ތިއްބެވި ޕްރޮގްރެސިވް ކޯލިޝަނުގެ ޓީމުން ފަށާފައިވާ ކަމަށާއި، އެ މަސައްކަތް އިތުރަށް ފުޅާކުރުމަށް މުޅި ޓީމު މިއަދު މާލެ ވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވިއެވެ.
ކައިރި މުސްތަޤްބަލެއްގައި ފ. އަތޮޅަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަތް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެކަކު ވަނީ ނިޔާވެފައެވެ.




