އިސްލާމް ދީނަށް ފުރައްސާރަކުރާ ލިއުންތަކާއި ކުރެހުންތައް ފަތުރަމުން ދިޔަ ފޭސްބުކް ޕޭޖް "ޖުހާ" ބްލޮކް ކުރަން ފުލުހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެ ޕޭޖްގެ ޝަކުވާ ފުލުހުންނަށް ބަޔަކު ހުށަހެޅުމުން ފުލުހުންގެ އިދާރާ އިން އެ ޕޭޖް ބްލޮކްކުރަން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި، އެހެންކަމުން އެ ޕޭޖް ބްލޮކް ކުރާނެ ކަމަށެވެ.
އެފަދަ ޕޭޖްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރާނެ ކަަމަށް ޢަލީ ޞޯލިޙް ވިދާޅުވިއެވެ.
"ޖުހާ" ގެ ނަމުގައި ހިންގަމުން އަންނަ މި ޕޭޖުން އިސްލާމް ދީނަށް ޖޯކުޖަހައި، ދިވެހި ބަހުން ލިޔެ ޕޯސްޓްތަކާއި، ފޮޓޯތައް ޢާއްމުކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެ ޕެޖާ މެދުގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިފަދަ ޕޭޖްތައް ބްލޮކް ނުކުރެވޭއިރު، "ލާދީނީ މީހުންނަށް" ފާޑުކިޔާ ޕޭޖްތައް ބްލޮކް ކުރެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުންވެސް އަމާޒުކޮށްފައެވެ.
މިފަދަ ކަންކަން ކުރާ މި ޕޭޖަށް 3000 އަށްވުރެ ގިނަ މީހުން ލައިކް ޖަހާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ޕޭޖަށް ލައިކް ނުކުރުން އަދި ފޮލޯ ނުކުރުން ވަރަށް މުހިންމެވެ.



