ހދ. ހަނމާދޫ ހާބަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޓީސީއާއި ދެމެދު މިއަދު ސޮއި ކުރެވުނު މި މަޝްރޫގެ އަގަކީ 57،124،555.27 ރުފިޔާއެވެ.
425 ދުވަހުގެ މުއްދަތަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން 355 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި، 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 2583 ސްކެއަރ މީޓަރުގެ ޕޭވްމަންޓަކާއި،90 މީޓަރުގެ ގުރޯއިންއާއި، 50 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 02 ނެރުބައްތިއާއި، 01 ރޭމްޕްއާއި، 10 މޫރިންގ ބުލޮކްސްއާއި، 20 ބަނދަރު ބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 53،522 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރު ފުންކުރުމާއި، 31،575 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަދު ސޮއިކުރެވުނު މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްތްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ.




