ލަލީގާގައި ރޭ ވިލަރެއަލްއާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވިއިރު، ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެސީ، ސުއަރޭޒް އަދި ގްރިޒްމަން އެކީގައި ކުޅޭތަން ބަލާލާހިތުން މުޅި ކޭމްޕްނޯ ފުރާލައިގެން ގިނަ ސަޕޯޓަރުން ތަކެއްހުރިއިރު، އެފުރުޞަތު ލިބިފައިވަނީ މެޗުގެ ފުރަތަމަ ހާފު އެކަންޏެވެ. ވާތު ފަޔަށް ލިބުނު އަނިޔާއަކާއިގެ ގުޅެގެން މެސީ ދެވަނަ ހާފު ކުޅެފައެއް ނުވެއެވެ.
މެޗުގައި ބާސެލޯނާއިން ޖެހި ދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ހަވަނަ މިނަޓްގައި ބާސެލޯނާގެ ގްރިޒްމަން ފުރަތަމަ ލަނޑުޖެހިއިރު މިލަނޑު ޖެހުމަށް އެހީތެރިވެދިނީ މެސީއެވެ. މިއީ މިސީޒަންގައި ބާސެލޯނާއަށް ގްރިޒްމަން ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ. ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑު ކާމިޔާބުކޮށްދީފައިވަނީ އާތާ މެލޯއެވެ.

ބާސެލޯނާއަށް ދުލެއްދިނުމެއްނެތި ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންއައި ވިލަރެއަލްއިން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ޓީމު އަލުން ގޭމްގެ ތެރެއަށް ގެނައެވެ. މެޗުގެ 44 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަންޓި ކަޒޯލާއެވެ.
ބާސެލޯނާއިން ދެވަނަ ހާފުގައި މެސީގެ ބަދަލުގައި ޑެމްބެލޭ ކުޅެން ނެރުނެވެ. މެސީއަށް ލިބިފައިވާ އަނިޔާއާއި ބެހޭގޮތުން ބާސެލޯނާއިން އަދި އެއްޗެއް ބުނެފައެއްނުވެއެވެ. ޕްރީ ސީޒަންގައި ލިބުނު އަނިޔާއަކާއި ގުޅިގެން މިސީޒަންގެ ގިނަ މެޗުތައް ގެއްލިފައިވާ މެސީވަނީ ބާސެލޯނާއިން މީގެކުރިން ކުޅުނު ފަހު ދެމެޗުގައިވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.
ދެވަނަ ހާފުގައި ދެޓީމަށްވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފޭގޮތްނުވެފައިވާއިރު، މެޗު ނިމިގެންދިޔައީ ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
ރޭގެ މޮޅާއެކު ހަމެޗުން ޖުމްލަ 10 ޕޮއިންޓާއެކު ބާސެލޯނާވަނީ ވަގުތީގޮތުން ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ.




