ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ސިލްސިލާ ފިލްމް "ހައުސްފުލް" ގެ 4 ވަނަ ބައިގެ ޕޯސްޓަރު ދައްކާލަފިއެވެ. ޕޯސްޓަރުން ދައްކާލައިފައިވަނީ މިފަހަރުގެ ބައިގައި ފެނިގެންދާނެ ތަރިން ފިލްމްގައި ކުޅޭ ރޯލުތަކެވެ.
ޕޯސްޓަރުން ފެންނަ ތީމްއަށް ބަލާއިރު، ބޮޑަށް ފާހަގަކުރެވެނީ މިފަހަރުގެ ބައިން ތަރިންގެ ދެ ރޯލެއް ފެނިގެންދާނެކަމަށެވެ. އެގޮތުން ޕޯސްޓަރުން ފިލްމްގެ ލީޑު ކޮންމެ ތަރިއަކު ފެނިގެންދަނީ މީގެ އެތައްސަތޭކަ އަހަރުތަކެއް ކުރީގެ މީހެއްގެ ގޮތަށާއި އަދި މިޒަމާނުގެ ގޮތަށެވެ. މިއީ އިންޑިއާމީހުން ގަބޫލުކުރާ ގަބޫލުކުރުމެއްކަމުގައިވާ، "ރީއިންކާރނޭޝަން"ގެ މައްޗަށް އުފައްދާ ހެއްވާ މަޖާ ފިލްމެއްކަމަށް ޕޯސްޓަރުގައި ބުނެފައިވެއެވެ.
ފިލްމްގެ ލީޑު ތަރިންގެ ގޮތުގައި ހައުސްފުލްގެ ހަތަރުވަނަބައިން މިފަހަރު ފެނިގެންދާނީ، ފިރިހެން ލީޑުގެ ގޮތުގައި އަކްޝޭ ކުމާރު، ރިތޭޝް އަދި ބޮބީ ޑިއޯލްއެވެ. އަދި އަންހެން ލީޑުން ފެނިގެންދާނީ، ކްރިތީ ސެނޮންގެ އަދި ޕޫޖާ ހެޖްއެވެ.

ހައުސްފުލް ގެ އެންމެ ފަހުގެ ފިލްމުން ފެނިގެންގޮސްފައިވާ ތަރިންނަކީ، އަކްޝޭ, ރިތޭޝްގެ, އަބީޝެން ބައްޗަން، ޖެކްލީން ފެނާންޑޭޒް، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީއެވެ.
މިހާތަނަށް ގެނެސްދީފައިވާ ހައުސްފުލްގެ ހުރިހާ ފިލްމެއްގައިވެސް ހެއްވާ މަޖާ ވާހަކަތަކެއް ގެނެސްދީފައިވެއެވެ. އަދި ހައުސްފުލްގެ ކޮންމެ ބައެއްވެސް ބޮކްސް އޮފީހުގައިވަނީ ކާމިޔާބު ހޯދާ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.
"ހައުސްފުލް 4" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ގައެވެ.




