ދުޅަހެޔޮކަންމަތީ ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަކީ ތިޔައިގެން ކޮންމެ ބޭފުޅަކުވެސް ބޭނުންވާނެކަމެކެވެ. ހާއްސަކޮށް މޫނުމަތީގެ ހަންގަނޑު ކުރަކިވެދިޔަނުދީ އޮމާންކަންމަތީ ބަހައްޓަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ، އެގޮތުން ކާބޯތަކެތީގެ އެކި ބާވަތްތަކަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރާ ބާވަތްތަކަށް މިއަދު މިވަނީ ވެފައެވެ. މީގެތެރެއިންވެސް ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ޔޯގަޓަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ޔޯގަޓުގައި ހިމެނޭ ލެކްޓިކް އެސިޑް އަދި އެންޓިބެކްޓީރިއާގެ މާއްދާތަކަކީ ހަށިގަނޑު ދުޅަހެޔޮކޮށް ދެމެހެއްޓުމަށް އެހީވެދޭ އަދި ހަނގަޑު އޮމާންކަމާއި ސާފުކަންމަތީ ބެހެއްޓައިދޭ ބާވަތެކެވެ. ޔޯގަޓް ބޭނުންކޮށްގެން ގޭގައި ފަސޭހަކަމާއެކު ހަންގަނޑަށް އެކިގޮތްގޮތަށް ފަރުވާދެވިދާނެއެވެ. އެހެންކަމުން މި ގެނެސްދެނީ ފެސޭހަކަމާއެކު ޔޯގަޓު ބޭނުންކޮށްގެން ހަންގަނޑުގެ މައްސަލަ ދިމާވާ މީހުންނަށް ހައްލު ހޯދިދާނެ 5 ގޮތެކެވެ.
1. ޔޯގަޓާއި ލުނބޯ ފޭސްމާސްކް

ލުނބޯއަކީ، އޭގައި ހިމެނޭ އެންޓިބެކްޓީރިއާގެ މާއްދާތަކުން، ބެކްޓީރިއާ އުފެދުމަށް ހުރަސް އަޅާދީ، މޫނުގައި ނަގާ ބިހިތައް މަދުކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. މިގޮތަށް ބިހިނެގުމުން، މޫނުމަތީގައި ލާ ލަކުނުގެ ކުލަވަރު ކުޑަކޮށްދިނުމަށްވެސް ލުނބޯ އެހީވެދެއެވެ. އަދި މޫނުމަތި ބްލީޗްކޮށްދީ ހަންގަނޑުގެ ކުލަ އަލިކޮށްދިނުމަށްވެސް ލުނބޯ އެހީވެދެއެވެ. އެހެންކަމުން ޔޯގަޓާއެކު ލުނބޯއެކުލެވޭ ފޭސްމާސްކެއް ހަދަން ބޭނުންވާނަމަ، ޔޯގަޓުގެ ތެރެއަށް ލުނބޯހުތް އެޅާ އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. އަދި މޫނުގައި އުނގުޅުމަށްފަހު 15 ނުވަތަ 20 މިނެޓް ބައިންދާށެވެ.
2. ޔޯގަޓާއި ރީނދޫ ފޭސްމާސްކް

ރީނދުލަކީ އެންޓިސެޕްޓިކް އަދި އެންޓިބެކަޓީރިއަލް މާއްދާ ހުންނަ ބާވަތެކެވެ. އެހެންކަމުން ހަންގަނޑު އަލިކޮށްދީ ހަންގަނޑު މަޑުކޮޑްދިނުމަށް ރީނދުލަކީ ވަރަށް ބޮޑަށް އެހީވެދޭ ބާވަތެކެވެ. މި ފޭސްމާސް ތައްޔާރުކުރުމަށް 5 ސައިސަމުސާ ޔޯގަޓުގެ ތެރެއަށް 4 ނުވަތަ 3 ސައިސަމުސާ ރީނދޫ އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. އަދި 15 ނުވަތަ 20 މިނެޓް ބޭންދުމަށްފަހު ފިނިފެނުން މޫނުދޮންނާށެވެ.
3. ޔޯގަޓާއި ދޮންކެޔޮ ފޭސްމާސްކް

ދޮންކެޔޮލަކީ، ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ، އަދި ހަންގަނޑުގު ދުޅަހެޔޮކަންމަތީ ބަހައްޓައި ހަންގަނޑުގައި ރޫޖެހުން ދުރުކޮށްދިނުމަށް އެހީވެދޭ މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އެހެންކަމުން ދޮންކެޔޮ ޗިސްކުރުމަށްފަހު އޭގެ ތެރެއަށް 1 ސައިސަމުސާ ލުނބޯ އަދި ޔޯގަޓު އަޅާ އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. އަދި މޫނުގައި އުނގުޅުމަށްފަހު ޕޭސްޓުގަނޑު ހިކެންދެން މަޑުކުރާށެވެ. ހިކުމުން މޫނު ދޮންނާނީ ފިނިފެނުންނެވެ.
4. ޔޯގަޓާއި މާމުއި ފޭސްމާސްކް

ޔޯގަޓު އަދި މާމުއި އަކީ، ވަރަށް ބޮޑަށް ހަންގަނޑުގެ ކުރަކިކަން ފިލުވައިދީ އަދި ހަންގަޑު އޮމާންކޮށްދިނުމަށް އެހީވެދޭނެ ދެ ބާވަތެވެ. އެހެންކަމުން ހަމައެކަނި މި ދެބާވަތް ބޭނުންކޮށްގެން ފަސޭހަކަމާއެކު، ފޭސްމާކެއް ތައްޔާރުކޮށްލެވިދާނެއެވެ. އެގޮތުން މި ފޭސްމާސްކު ތައްޔާރު ކުރުމަށް، 2 ސައިސަމުސަލުގެ ޔޯގަޓުގެ ތެރެއަށް، 1 ސައިސަމުސަލުގެ މާމުއި އެއްކުރާށެވެ. މި ގޮތަށް މި ދެބާވަތް އެއްކުރުމަށްފަހު، ޕޭސްޓެއް އުފެދެންދެން ރަނގަޅަށް ގަށާށެވެ. ޕޭސްޓް އުފެދުމުން، މި ޕޭސްޓް ފޭސް މާސްކެއް ގޮތަށް މޫނުގައި އުނގުޅުމަށްފަހު 15 ނުވަތަ 20 މިނެޓް ވަންދެން ބައިންދާށެވެ. އަދި އެއަށްފަހު ހޫނުތާފެނުން މޫނު ދޮންނާށެވެ.
5. ޔޯގަޓާއި އޯޓް ފޭސްމާސްކް

އޯޓްސްގައި ހިމެނޭ ސެޕޯނިއަންސް ނަމަކަށް ކިޔާ މާއްދާ އަކީ ގުދްރަތީ ކްލީންސަރ އެއް ގޮތަށް މަސައްކަތް ކުރާ މާއްދާ އެކެވެ. އޯޓްސް ބޭނުންކުރުމުން މޫނުގައި ހުންނަ ބޭކާރު ތެޔޮ ދަމައިގަނެ، މޫނުމަތިން އޮށާޅަ ނެގުން މަދުކުރެވޭނެއެވެ. މަރުވެފައި ހުންނަ ސެލްތަކާއި މަރުވެފައި ހުންނަ ހަން ސާފުކޮށްދިނުމަށްވެސް އޯޓްސް އެހީވެދެއެވެ. މި ފޭސްމާސްކް ތައްޔާރުކުރުމަށް ހަދަންޖެހޭނެގޮތަކީ، އެއް ސައިސަމުސަލުގެ އޯޓްސް އާއި އެއް ސައިސަމުސަލުގެ މާމުއި އަދި ދެ ސައިސަމުސަލުގެ ޔޯގަޓު އެއްކުރާނީއެވެ. ދެން މޫނުގައި އުނގުޅާ ހިކެންދެން މަޑުކުރުމަށްފަހު ފިނިފެނުން މޫނު ދޮންނާށެވެ.




