މާލޭ ފިހާރައެއްގެ ފަޅާލައިގެން ވަކިލާރިތަކެއް ވަގަށް ގެންދަން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކިނބިގަސްމަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަމުގެ މަޢުލޫމާތު ރޭ ފަތިހު 04:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މި މަޢުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަން ފާހަގަކުރެވުނު. އަދި އެސަރަހައްދު ބެލި ބެލުމުން ޕާކްކޮށްފައިހުރި ސައިކަލެއްގެ ކައިރީގައި ހުރި ފިރިހެނެއް، މެޓާ ހުސްކުރި ފުޅިއެއްގައި ހުރި ވަކިލާރިތަކެއް އޭނާ ލައިގެން ހުރި ޖީންސްގެ ޖީބަށް އަޅަމުންދާތީ އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ވަކިލާރިތަކާއެކު ފުލުހުން ހައްޔަރުކޮށްފައިވަނީ 29 އަހަރުގ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މި މީހާ ބަލާ ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 475.75ރ ފެނިފައިވާ ކަމަށާއި، އެމީހާ ހުރި ދިމާލު ބިންމަތިން ރެޑްބުލް ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާއިރު، ރޭ ފަތިހު ވަނީ ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަންގެ އޮފީސް ފަޅާލައި ތިޖޫރީ ފަޅާލަން މަސައްކަތް ކޮށްފައެވެ. އަދި ވަޅި ހިފައިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ވައްކަން ކުރަން އުޅުނު ދެމީހުންވެސް ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.




