ވެރިރަށް މާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޯނެއް ވަގަށްނެގި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އާބުރުޒުހިނގުމުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ ވައްކަން ކުރަން އުޅުނު ފިރިހެނަކު ރޭ ފަތިހު 05:07 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"މިމީހާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މި މައްސަލައިގައި ހަައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާއިރު، ރޭ ވަނީ ބިދޭސީން ދިރިއުޅޭ އިތުރު ތަނަކަށްވެސް ބަޔަކު ވަދެ ވައްކަން ކުރަން މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ، ވިލިމާލެ ސެކްޝަނުގެ އޮފީސް ފަޅާލައި އެތަނޔގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވާއިރު، މާލޭގެ ރީޓެއިލް ފިހާރައެއް ފަޅާލައި ވަކިލާރިތަކެއް ވަގަށް ގެންދަން އުޅުނު ޒުވާނަކުވެސް ރޭ ހައްޔަރުކޮށްފައިވެއެވެ.




