ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ކޯލޝަނުންދަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންފި ރައްޔިތުން ޚިޔާލާއި މަޝްވަރާ ހޯދަމުންނެވެ. އަދި މިދަތުރުތަކުގައި މިދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވަޑައި ގަންނަވާއިރު، މިދިޔަ މަހު ތިން އަތޮޅަކަށް ވަޑައިގެންފައިވެއެވެ.
ރައީސް ޔާމީނު ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅަށް ބަލާލާއިރު، ބުރާސްފަތި ދުވަހު ވަޑައިގަތުމަށް ހަނަޖެހިފައިވަނީ ދިއްފުއްޓާއި ތުލުސްދޫއަށެވެ. އަދި އެރޭ ތުލުސްދޫގައި ޖަލްސާއެއް ބޭއްވުމަށްފަހު ހުކުރު ދުވަހު ހުރާއަށާއި ހިންމަފުއްޓަށްވެސް ޔާމިނު ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމިނުގެ މިދަތުރުފުޅު އަންނަ ބުރާސްފަތި ދުވަހު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑާ ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސްވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށް ތާވަލްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ޝުޖާޢު ވިދާޅުވީ ރަށްރަށަށް މިބޭފުޅުން ކުރާ ދަތުރުތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވާކަމަށެވެ.



