ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން ލެވަކޫސަންއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭޙަކަމާއެކު ޔުވެންޓަސްއިން ކާމިޔާބުކުރިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ގިނަ ރެކޯޑްތަކެއް މުގުރާލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޔުވެންޓަސްއިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ހިގުއައިން، ބަނާޑެސްޗީ އަދި ރޮނާލްޑޯއެވެ.
މެޗުގެ 88 ވަނަ މިނަޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން މިލަނޑަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކޮށްދިން 128 ވަނަ ލަނޑެވެ. އެހެންކަމުން ޔޫރަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރީގައި މިހާރުވެސް އޮތް ރޮނާލްޑޯވަނީ ދެވަނަގައި އޮތް ވާދަވެރި މެސީއަށްވުރެ 16 ލަނޑު ކުރިއަށް ޖެހިލާފައެވެ.

މީގެއިތުރުން ޗެމްޕިއަންސް ލީގުގައި އެއްގައުމަކަށް ނިސްބަތްވާ ކްލަބުތަކަކާއި ދެކޮޅަށް ރޮނާލްޑޯއަށްވުރެ ގިނައިން އެހެން ކުޅުންތެރިއަކަށް ލަނޑުޖެހިފައެއްނުވެއެވެ. ކުރިން ރެއަލްމެޑްރިޑަށް ކުޅުނު ރޮނާލްޑޯވަނީ ޗެމްޕިއަންސް ލީގުގައި ޖަރުމަނު ކްލަބުތަކާއި ދެކޮޅަށް ކުޅުނު 25 މެޗުން 27 ލަނޑު ޖަހާފައެވެ.
އަދި ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 14 ސީޒަންގައި ލަނޑުޖަހައި، ރޮނާލްޑޯވަނީ މެސީ އަދި ރައުލްގެ ރެކޯޑާއި ހަމަހަމަ ކޮށްފައެވެ.
ރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗުން މޮޅުވި ރެކޯޑުވެސް ރޮނާލްޑޯވަނީ މުގުރާލާފައެވެ. މިރެކޯޑު ކުރިން އޮންނަނީ ރެއަލްމެޑްރިޑުގެ ކުރީގެ ކީޕަރު އީކާރ ކަސިލަސް އަތުގައެވެ. ރޭގެ މޮޅަކީ ރޮނާލްޑޯއަށް ޗެމްޕިއަންސް ލީގުގައި ލިބުނު 102 ވަނަ މޮޅެވެ.
މީގެ 16 އަހަރު ކުރިން ޗެމްޕިއަންސް ލީގު ކުޅެންފެށި ރޮނާލްޑޯ ރޭ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ތަފާތު 33 ކްލަބަކާއި ދެކޮޅަށް ލަނޑު ޖެހުމުގެ ޝަރަފުވެސް ރޮނާލްޑޯއަށް ލިބިފައިވާއިރު، މިރެކޯޑު އެންމެ ފުރަތަމަ ހަދާފައިވަނީ ރެއަލްމެޑްރިޑަށް ކުރިން ކުޅުނު ރައުލްއެވެ.




2 Responses
Ronaldo mee man ekey
Salhi