ޤައުމީ ދިދަ - ފޮޓޯ: މިހާރު

ދީނީ އަދި ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަން ގެއްލުވާލާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނަން - ފުލުހުން

ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަން އަދި ނިޒާމު ޢާއްމު ގެއްލޭފަދަ ކަންކަން ކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން، ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި، އިސްލާމް ދީނާ އިދިކޮޅު ޢަމަލުތަކާ ގުޅޭ މައްސަލަތަކަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތާ ގުޅިފައިވާ އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ގުޅުންހުރި މައްސަލައެއްކަމަށްވާތީ، އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައިވެސް ޤާނޫނީގޮތުން އެފަރާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާބެހޭ ފަރާތްތަކުގެ މަސްޢޫލިއްޔަތަކަށްވީހިނދު އެފަދަ ޢަމަލަކާ ގުޅިގެން މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސްލަސްކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ޚާއްޞަކޮށް ރައްޔިތުންގެ ތެރޭގައި ފިޠުނަ ފަސާދައާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި، ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަމާއި، ނިޒާމު ޢާއްމު ގެއްލޭފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވަން." ފުލުހުންގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.

ފުލުހުން ވިދާޅުވީ، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، ފުލުހުން އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާއަށާއި، ފިޔަވަޅު އެޅުން ލަސްވަމުންދާތީ ދައުލަތުގެ މުއައްސަސާތަކަށްވެސް ފާޑުލިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ