ސްޕެނިޝް ލަލީގާގައި ރޭ ގްރަނަޑާއާއި ބައްދަލުކުރި މެޗު ފަސޭޙަ ކަމާއެކު ކާމިޔާބުކޮށް ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑް ހިފަހައްޓާލައިފިއެވެ.
ލަލީގާގައި ހަޒާޑު ރެއަލްމެޑްރިޑަށް ޖަހައިދިން ފުރަތަމަ ލަނޑު ފެނިގެންދިޔަ ރޭގެ މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
ހުރިހާ ގޮަތަކުން މުޅި މެޗުން ކޮންޓްރޯލްކުރި ރެއަލްމެޑްރިޑުން މެޗުގެ ފުރަތަމަ ވެސް ނިންމާލީ ދެލަނޑު ކުރީގައިއޮވެއެވެ. ފުރަތަމަ ހާފުގެ ލަނޑުތައް ކަރިމް ބެންޒެމާއާއި ހަޒާޑު ކާމިޔާބުކޮށްދިންއިރު، މިއީ ލަލީގާގައި ހަޒާޑު ރެއަލްމެޑްރިޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މޮޑްރިޗްގެ ލަނޑަކުން ރެއަލްމެޑްރިޑުން ލީޑު އިތުރަށް ފުޅާކުރިނަމަވެސް، ލިބުނު ޕެނަލްޓީއަކުން މެޗުގެ 69 ވަނަ މިނަޓްގައި މާޗިސް ކާމިޔާބުކޮށްދިން ލަނޑާއެކު ގްރަނަޑާއިން އަލުން ގޭމްގެ ތެރެއަށް ވަނެވެ. އަދި އޭގެ 8 މިނަޓް ފަހުން ދެވަނަ ލަނޑުޖަހައި މުޅި ޓީމަށް އާ ހިތްވަރެއް ލިބިގެންދިޔައިރު މިލަނޑު ކާމިޔާބުކޮށްދިނީ ޑުއާޓޭއެވެ،
ރެއަލްމެޑްރިޑުން ރޭގެ މެޗު ކަށަވަރުކޮށްފައިވަނީ އިތުރުވަގުތު ހަމޭސް ރޮޑްރިގޭޒް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިމޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކުގައެވެ.




