ބުރުގާ އަޅާ މީހުން ހައްޔަރުކުރަން ދިވެހި ފިރިހެނަކު މީސްމީޑިއާގައި ގޮވާލައިފިއެވެ.
ދީނަށް ފުރައްސާރަކޮށް، ބުރުގާ އެޅުމާ ދެކޮޅަށް ދިވެއްސަކު ވާހަކަދައްވާ ވީޑިއޯ މީސްމީޑއާގައި ދައުރުވަމުންދާއިރު، އެ މީހާ ބުނަނީ، ރާއްޖެއަށް ޑިމޮކްރަސީ ގެނެވިއްޖެ ކަމަށާއި، މިހާރު ކޮންމެހެން ބުރުގާ އަޅަން ނުޖެހޭ ކަމަށެވެ.
ބުރުގާ އެޅީމާ ގައިން ނުބައި ވަސް ދުވާ ކަމަށާއި، ބުރުގާގެ ސަބަބުން އިސްތަށިގަނޑު ނުފެންނަ ކަމަށް އެމީހާ އާއްމުކުރި ވީޑިއޯގައި ބުނެފައިވެއެވެ.
"ބުރުގާ މިރާއްޖޭގައި މަނާކުރަންވީ، ބުރުގާ އަޅައިގެން އުޅޭ މީހުން ބަންދުކުރާގޮތަށް ހަމަޖައްސަންވީ، އެނޫން ގޮތެއް ނެތް. މިހާރު މިއޮތީ ޑިމޮކްރަސީ އައިސްފައި. ދެން މާ މުހިންމެއް ނުވާނެ ބުރުގާއެއް، ޑިމޮކްރަސީ އައީމާ." ދީނަށް ފުރައްސާރަކުރި މީހާ ބުނެފައިވެއެވެ.

ބުރުގާ އެޅުމަކީ މުޑުދާރު ގޮތެއް ކަމަށް އެމީހާ ސިފަކޮށްފައިވާއިރު، އަންހެނުންގެ ރީތިކަން ނުފޮރުވާ ދެއްކުމަށް އެ ދިވެހި މީހާ ވަނީ ގޮވާލާފައެވެ.
"އިބޫ ޞޯލިހަށް މި ގޮވާލަނީ ބޭފުޅާ، ޕްރެޒިޑެންޓް އިބޫ ޞޯލިޙް އަޅުގަނޑުމެންގެ ބުރުގާ އެޅުން ރާއްޖޭގައި މަނާކުރައްވާ، މީ ކުރަންވާވަރު ކަމެއް ނޫން. ބުރުގާ އެޅުން ހުއްދަކުރާވަރު ކަމެއް ނޫން މިއީކީ." އެމީހާ ބުނެފައިވެއެވެ.
އަނެއްކާވެސް ރާއްޖޭގަ ދައްޖާލެއް ފާޅުވެއްޖެ??
Posted by Rappə Əy Məə on Monday, October 7, 2019
"އެހެންވީމާ މަޢުމޫން ޢަބްދުލްޤައްޔޫމްވެސް ބުނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނޭ މިއީކީ. މަޖުބޫރު ކަމެއް ނޫނޭ ބުރުގާ އެޅުމަކީ. އެވަރުގެ ޝޭހެއް ނުހުންނާނެ ރާއްޖެއަކު. އެހެންވީމާ އެބޭފުޅާ ބުނިގޮތަށް ހަދާ." ބުރުގާ އެޅުމާ ދެކޮޅަށް އެމީހާ ބުނެފައިވެއެވެ.
ބުރުގާ އަޅާ މީހުން ބުރުގާ ބޭލުމަށްވެސް އެ ދިވެހި ފިރިހެން މީހާ ގޮވާލާފައިވާއިވާއިރު، އެއީ ކާކުކަން އަދި އެނގިފައެއް ނުވެއެވެ.
އަންހެނުން ބުރުގާ އަޅައި އައުރަ ނިވާކުރުމަކީ ޞައްހަ ހަދީޘުން ޞާބިތުވާ، އިސްލާމްދީނުގައި އެކަން ކުރުމަށް އަންގަވާފައިވާ ކަމެކެވެ.
އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ބުރުގާ އެޅުން މަނާކުރުމަށް ދިވެއްސަކު ގޮވާލި މިއީ ފުރަތަމަ ފަހަރެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުމަކީ ޖިނާޢީ ކުށެކެވެ.
ބުރުގާ އެޅުން މަނާކުރުމަށް ގޮވާލިއިރު، ރަސޫލާއަށް ޖަހޫޖަހައި، އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގެ މައްސަލަ ވަނީ ހޫނުވެފައެވެ.




