ފްލޮރިޑާގެ، ސިވިލް ކޯޓުގެ ފަނޑިޔާރަކު، އެ ކޯޓުގެ "ޖޫރީ"އަކު ޑިއުޓީ ގަޑީގައި މާގިނައިރު ނިދުމުން 10 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މި ފަނޑިޔާރު ބުނިގޮތުގައި އޭނާ މިގޮތަށް ކަންތައްކުރީ، އޭނާގެ ޑިއުޓީ ވަގުތުގައި ނިދުމަށްފަހު، އެ ދުވަހަގެ އަޑުއެހުމަށް ހާޒިރުނުވުމުން، އޭނައަށް ފިލާވަޅެއް ނަގާދިނުމުގެ މަގުސަދުގައިކަމަށެވެ.
މީގެ ކުރިން އެއްވެސް ކުށުގެ ރިކޯޑެއް ނެތް މި ޒުވާން ޖޫރީ ބުނީ، މިއީ އޭނަގެ ހަޔާތައް ވަރަށް ބޮޑަށް އަސަރުފޯރާނެކަމެއްކަމަށެވެ.
21 އަހަރުގެ މި ޒުވާނާ، އޭނައަށް ކުރެވުނު ކަންތަކަށް ސިޓީއަކުން ފަނޑިޔާރުގެ ކިބައިން މާފަށްވެސް އެދިފައިވެއެވެ. 10 ދުވަހުގެ ޖަލުގެ ހުކުމުގެ އިތުރުން، 1 އަހަރުގެ ޕްރޮބޭޝަންއާއި، މުސާރައާއި ނުލާ 150 ގަޑިއިރު މަސައްކަތްކުރުމަށް އަދި 223 އެމެރިކާ ޑޮލަރުން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ކޯޓަށް މާފަށްއެދި ސިޓީއެއް ލިޔުމަށްވެސް އޭނަގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން މިކަން ހިނގާފައިވީނަމަވެސް، ބޭރުގެ ހަބަރުތައްބުނާގޮތުން މި ފަނޑިޔާރު އޭގެފަހުން ވަނީ ނިއްމުން ބަދަލުކޮށް އޭނަގެ އަދަބު ކުޑަކޮށްދީފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު، އޭނަގެ ޕްރޮބޭޝަން ތިން ދުވަހަށް ކުޑަކޮށްދީ، ކޮމިނިއުޓީ ހިދުމަތް 30 ގަޑިއިރަށް ވަނީ ކުޑަކޮށްދީފައެވެ.
ނަމަވެސް ފަހުގެ ހަބަރުތައް ބުނާގޮތުން އެ ޖޫރީގެ މައްޗަށް ކުރި ހުކުމް މިދިޔަ ހޮނިހިރު ދުވަހު ފަނޑިޔާރު ވަނީ ބާތިލުކޮށްފައެވެ.
މިއީ މީހުންނަށް ވަގުތަށް ކަމޭހިތުމަށް ދަސްކޮށްދީ، އެހެން މީހުންނަށް ފިލާވަޅެއްގެ ގޮތުގައި ކުރިކަމެއްކަމަށް އެ ފަނޑިޔާރު ވަނީ ބުނެފައެވެ.



