އަނެއްކާވެސް އެ ހުވަފެނެވެ. މިއީ ހަތްވަނަ ފަހަރެވެ. ކޮންމެ ފަހަރަކު ސާރާއަށް ހޭލެވެނީ އެއް ހިސާބަކުންނެވެ. ފެންނަނީ ފަހަތުން މީހަކު ނޫނީ އެއްޗެއް އޭނާ ފަހާ ދުވާތަނެވެ. އަދި ފަހަތަށް ބަލަމުން ދުވަނިކޮށް އެއްޗެއްގައި އަޅައިގަނެފައި ވެއްޓެއެވެ. ހަމަ ވެއްޓި ބިންމަތީގައި ޖެހުމާއެކު ބޮޑެތި ހަރުފަތަކެއް އައިސް އޭނާގެ ގަޔަށް އަރާ އޮޅާލައެވެ. ކޮންމެ ފަހަރަކުވެސް ހޭލެވެނީ އެ އެއްޗެހިތަކުން ސަލާމަތްވާން ތެޅިފޮޅެނިކޮށެވެ. ހޭލެވޭއިރު މީހާ އޮންނަނީ ދާހިއްލާ ފޯވެފައެވެ. ހުވަފެން ފެންނަނީ ޖެހިޖެހިގެން ކޮންމެ ރެއަކު ނޫނެވެ. އެއް ހަފްތާ ދެދުވަހު ފެނިއްޖެއްޔާ އަނެއް ހަފްތާ އެއް ދުވަހުއެވެ. ކުޑައިރުއްސުރެ އެކަނި ނިދަން ޖެހިފައިވާތީ ދަންވަރު ބިރުގަތަސް އޭނާ ދުވެފައި ދާނެ ވަކި އެހެން ތަނެއް ނޯވެއެވެ.
ސާރާއަކީ މުއްސަނދި ޢާއިލާއެއްގައި ހުރި ހަމައެކަނި އަންހެން މެންބަރެވެ. ދޮށްޓަށް ދެ ބޭބެ ތިބޭއިރު ސާރާއަކީ އޭނާގެ ބައްޕަ އާއި ބޭބެމެންގެ ޕްރިންސެސްއެވެ. ދެ ފިރިހެންބެއިންގެ އުމުރުގައި އަހަރެއްގެ ތަފާތު ހުރިއިރު ސާރާއާއި އޭނާއާ ޖެހިގެން ދޮށްޓަށް ހުންނަ ޔޫސުފްއާ ދެމެދު ހަތް އަހަރުގެ ފަރަގެއް ހުރެއެވެ. އެންމެ ދޮށީ އިބްރާހީމެވެ. އެކުދިންގެ މަންމަ މަރްޔަމް ނިޔާވީ ސާރާ ވިހެމުގެ ތެރޭގައި ލޭ މަނާ ނުވެގެންނެވެ. މަރްޔަމް ނިޔާވި ފަހުން އެކުދިންގެ ބައްޕަ އަޙްމަދު އިތުރު ކައިވެންޏެއް ނުކުރެއެވެ. ސަބަބަކީ އޭނާ މަރްޔަމްދެކެވީ އިންތިހާ ލޯތްބާއި، އެ ލޯބީގެ ދިރިހުރި ތިން ނިޝާން ކަމުގައިވާ ތިން ދަރިންނަށް ދޮން މަންމައެއްގެ ނުފޫޒު ފޯރިޔަދޭން އޭނާ ބޭނުންނުވުމެވެ. ސާރާ ބޮޑުވަމުން އައީ މަންމައެއްގެ ލޯބި އެއްވެސް ވަރަކަށް ނުލިބިއެވެ. ނަމަވެސް ސާރާއަށް ތިން ދުވަސްވީ ދުވަހު އަޙްމަދުގެ ރައްޓެއްސެއްގެ އެހީގައި އެގޭގައި މަސައްކަތް ކުރުމަށް އަންހެނަކު ގެނައެވެ. އޭނާގެ ނަމަކީ ރާބިޢާއެވެ. ރާބިޢާއަކީ ފިރި މަރުވެފައި ހުރި އަންހެނެކެވެ. އޭރު އޭނާ އަތުގައިވެސް ސާރާއަށްވުރެ އެއް އަހަރު ބޮޑު އަންހެން ކުއްޖެއް އޮވެއެވެ. ދުވާލުގެ ހުރިހާ ވަގުތެއް ރާބިޢާއާ އޭނާގެ ދަރިފުޅު ރައިމާ ހޭދަކުރަނީ އަޙްމަދުގެ ގޭގައެވެ. ރާބިޢާގެ ދަރިފުޅާއި އަޙްމަދުގެ ތިން ކުދިން އެއްވެސް ތަފާތު ކުރުމެއްނެތި ރާބިޢާ ދިޔައީ ތަރުބިއްޔަތު ކުރަމުންނެވެ. ނަތީޖާއަކަށްވީ އެކުދިން ބޮޑުވަމުން އައިއިރު ދީނީ ކަންތައްތަކަށް އަހުލުވެރިވުމާއި، ދުނިޔެވީ ރީތި އަޚުލާޤު އެކުދިންގެ ގައިގައި އަށަގަނެފައި ހުރުމެވެ. ހުރިހާ ކުދިންނަކީވެސް އެއްވެސް ވަގުތެއް ނާޅާ ނަމާދުކުރުމަށް އާދަވެފައިވާ، ރީތިކޮށް ޤުރުއާން ކިޔަވަން އެނގޭ، ބޮޑެތި މީހުންނަށް އިޙުތިރާމްކުރަން ދަންނަ، ކިޔެވުމާއި ސްކޫލްގެ އިތުރު ޙަރަކާތްތަކުގައިވެސް އެންމެ ކުރީ ސަފުގައި ހިމެނޭ ކުދިބަޔެކެވެ. އެކަމާހެދި އަޙްމަދާއި އޭނާގެ ތިން ދަރިންވެސް ރާބިޢާއަށް ވަރަށް އިޙުތިރާމް ކުރެއެވެ. އެކުދިން ރާބިޢާއަށް މުޚާޠިބުކުރަނީ ކުޑަ މަންމަގެ ނަމުންނެވެ. އަދި އަޙްމަދުވެސް ޢާއިލާ ބައެއް ފަދައިން ރާބިޢާއަށާއި ރައިމާއަށް ކަންތައްތައް ކޮށްދެއެވެ.
މަރްޔަމް ވަކިވުމުން ލިބުނު ފުން ހިތާމަ ކުޑަ ކުރުމަށްޓަކައި އަޙްމަދު ހޯދި އެހީއަކީ މަސައްކަތުގައި އަވަދިނެތި އުޅުމެވެ. އެގޮތުން އޭނާގެ ބުރަ މަސައްކަތުން، އޭރު ހުރި ކުޑަ ފިހާރަ ފުޅާކޮށް މިހާރު މާލޭގައި ތިން ފިހާރައާއި ރާއްޖެތެރޭގައި ދެ ފިހާރަ ހުޅުވައިފިއެވެ. އަތްމަތި ކިތަންމެ ތަނަވަސްވިއެއްކަމަކު އަޙްމަދަކީ މީހުންނަށް ވަރަށް އޯގާތެރި އަދި އެހާމެ ދީލަތި މީހެކެވެ. ހަމައެހެންމެ ވީވަރަކުން އޭނާ ދަރިންނަށްވެސް ވަގުތުދީ އެކުދިންނާވެސް ރަނގަޅު ގުޅުމެއް ބޭއްވުމަށް އިސްކަންދެއެވެ.
ސާރާގެ އުމުރުން މިހާރު 19 އަހަރުވެފައިވާއިރު އޭނާގެ ނަމަކީ ސްކޫލްގައި ފިރިހެން ކުދިން ގެންގުޅޭ ރީތި ކުދިންގެ ލިސްޓްގެ އެއްވަނައިގައި އަބަދުވެސް އޮންނަ ނަމެކެވެ. އޭނާގެ އެ ހުންނަ އަލި މޫނާއި، އަބަދުވެސް ތުންފަތުން ނުފިލާ ހުންނަ ހިނިތުންވުމަކީ މީހުންގެ ހިތްތައް ފަތަޙަވުމުގެ މައިގަނޑު ސަބަބެވެ. ކިޔެވުމުގައި ގްރޭޑުން އޭނާ އަބަދުވެސް އެއްވަނަ ހޯދައެވެ. ކުޅިވަރު ޙަރަކާތްތަކުގައިވެސް އޭނާގެ ނަން ވިދާލައެވެ. އެހެންކަމުން ސާރާ ވެފައިވަނީ އޭނާގެ ބައްޕައާއި، ބޭބެމެން އަދި ސްކޫލްގެ މުދައްރިސުންގެވެސް ލޯބި ލިބިފައިވާ ކާމިޔާބު ކުއްޖަކަށެވެ. އޭނާގެ އެހުންނަ ހިތްހެޔޮ މިޒާޖުގެ ސަބަބުން މީހުންނާ ރަޙްމަތްތެރިވެ ގުޅުން ބަދަހި ކުރުމަށް މާ ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ.
އަޙްމަދުގެ ބޮޑު ދަރިފުޅު އިބްރާހީމް ބިޒްނަސްއިން ޑިގްރީ ހާސިލުކުރުމަށްފަހު މިހާރު މަސައްކަތްކުރަނީ އަޙްމަދާއިއެކު ވިޔަފާރިތައް ބެލެހެއްޓުމުގައެވެ. އޭނާ ކައިވެނިކުރިތާ އަދި މިވީ ތިން މަހެވެ. ދެވަނަ ދަރިފުޅު ޔޫސުފް މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ހުންނަނީ ޔޫ.ކޭ ގައެވެ. އޭނާ ބޭނުންވަނީ ޕީ.އެޗް.ޑީ އާ ހަމައަށް ކިޔަވާށެވެ.
އިބްރާހީމްގެ އަންހެނުން ޝައިނާއާ ދިމާވެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދުނީ ކިޔަވަން މެލޭޝިޔާގައި އުޅުނު ދުވަސްވަރެވެ. ޝައިނާއަކީ ހުޅަނގުގެ ކުލަވަރު ޖެހިފައިވާ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. އޭނާ ލާ ހެދުންތައްވެސް ހުންނަނީ އެމީހުންނާ ދާދި އެއްގޮތަކަށެވެ. އިބްރާހީމަށް އެގޮތް ކަމު ނުދިޔަކަމުގައި ވީނަމަވެސް އޭނާ ޝައިނާގެ އެ ކަންތައްތައް ބަދަލުކުރުމަށް ނުފޫޒުފޯރުވައެއް ނުހަދައެވެ. އޭނާ ގަބޫލުކުރާގޮތުގައި ގަދަބާރުން ކުރާ އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުފެންނާނެއެވެ. ނަމަވެސް އޭނާ އަބަދުވެސް ޝައިނާއަށް ދީނީ ކަންކަން ކުރުމަށް ބާރުއަޅާ ނަސޭހަތްތެރިވެއެވެ. އަދި ކަންކަމުގައި އޮންނަ ރަނގަޅު ގޮތްވެސް ބުނެދީ ހަދައެވެ. އެހެނަސް ޝައިނާ އެކަންކަން އެހާ ސީރިއަސްކޮށެއް ނުނަގައެވެ.
ކައިވެނިކޮށްގެން ޝައިނާ އެގެއަށް އައިސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ސާރާއާ ދެމެދު މާ ރަނގަޅު ގުޅުމެއް އުފެދިފައެއް ނުވެއެވެ. ޝައިނާއަށް ސާރާ ލާ ދޫ ހެދުންތަކާއި، ބުރުގާ އަޅާފައި ހުންނަ ހުރުންވެސް ކަމަކު ނުދެއެވެ. އަދި ސާރާ ވަގުތުން ވަގުތަށް ނަމާދުކުރާތީ އެކަމާވެސް މަލާމާތްކޮށް ހަދައެވެ. އޭގެ އިތުރުން އަޙްމަދާއި އިބްރާހީމް ސާރާއަށްދޭ ސަމާލުކަމާއި، އަޅާލާ މިންވަރު ފެނިފައި އެކަމާ ހިތްހަމަ ނުޖެހޭކަން، ޝައިނާ އޭނާގެ ބަހުންނާއި ޢަމަލުން އިބްރާހީމަށާއި ސާރާއަށް އަންގައެވެ. ނަމަވެސް އެކަހަލަ ކަންކަމާ ސާރާވެސް އަދި އިބްރާހީމްވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެއީ ވަގުތީ ކަމެއް ކަމުގައި ދެކިގެން އެމީހުން އެކަމާ އަޅާނުލާ ދޫކޮށްލިއެވެ.
ރައިމާ އޯލެވެލް ނިމުމުން އިތުރަށް ކިޔަވައިދިނުމަށް އަޙްމަދު ހުށަހެޅި ނަމަވެސް ރާބިޢާ ބޭނުންވީ ރައިމާ ވަޒީފާއަކަށް ފޮނުވާށެވެ. ރާބިޢާ ދެކޭގޮތުގައި މިހާރުވެސް އަޙްމަދު އޭނާއަށާއި ރައިމާއަށް ކޮށްދީފައިވާ ކަންތައްތަކަކީ އޭގެ ބަދަލު ދުވަހަކުވެސް ދެވޭނެ ކަންކަމެއް ނޫނެވެ. އެކަމަށްޓަކައި ރާބިޢާ އަބަދުވެސް އަޙްމަދަށް ޝުކުރުވެރިވެއެވެ.
ކުޑައިރުއްސުރެ އެކުގައި އުޅެފައި ތިބުމުން ސާރާއާއި ރައިމާގެ ދެމެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމުގެ އިތުރުން ވަރުގަދަ އެކުވެރިކަމުގެ ގުޅުމެއްވެސް ވަނީ އުފެދިފައެވެ. ނަމަވެސް މިހާރު ސާރާ އޭލެވެލް ހަދަމުން ދިއުމާއި، ރައިމާ ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އެދެކުދިންނަށް އެކުގައި ހޭދަކުރެވެނީ ވަރަށް މަދު ވަގުތުކޮޅެކެވެ.
މިފަހަކަށް އައިސް ސާރާއަށް އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަމުންދާތީ އޭނާ ހުރީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. އޭނާއަށް އެކަހަލަ ވާހަކައެއް ހިއްސާކުރަން ކެރޭ ހަމައެކަނި މީހަކީ ރައިމާއެވެ. ނަމަވެސް އޮފީހުގައި ބުރަކޮށް އުޅޭތީ ރައިމާއަށް ސާރާ ކައިރިއަކަށް ނާދެވެއެވެ. ރާބިޢާ ކައިރީގައި އެވާހަކަ ބުނެފިނަމަ ބައްޕައާ ހަމައަށް އެ ވާހަކަ ގޮސް، ބައްޕަ މާ ބޮޑަށް ކަންބޮޑުވެދާނެތީ ރާބިޢާއާވެސް އެވާހަކަ ހިއްސާކުރާކަށް ސާރާއަކަށް ނުކެރުނެވެ. އެހެންކަމުން އެކަމާމެދު ވިސްނަންޖެހުނީ ސާރާ އެކަނިމާއެކަންޏެވެ.
ހަތްވަނައަށް ހުވަފެން ފެނުނު ރެއާ ޖެހިގެން އައި ރެއެވެ. އެރޭ ހުވަފެނުގައި ފެނުނީ އުސް އިމާރާތަކުން ވެއްޓޭ ތަނެވެ. ވެއްޓި ބިންމަތީގައި ޖެހެންވާއިރަށް ސިއްސައިގެންގޮސްފައި ސާރާއަށް ލޯ ހުޅުވާލެވުނެވެ. އޭރު ކޮޓަރީގައި ދިއްލާފައި ހުރި ނިދާ ބޮކީގެ އަލިކަމެއް ކޮޓަރިތެރެއަކު ނެތެވެ. ލޯ ހުޅުވުނުއިރު ސާރާއަށް އޮވެވުނީ މައި ދޮރަށް ފުރަގަސްދީގެން، ކޮޓަރީގެ ކުޑަ ދޮރާވީ ފަރާތަށް އެނބުރިގެންނެވެ. އެވަގުތު އެ އަނދރިކަމުގައިވެސް ކުޑަދޮރުގެ ފަރުދާކައިރީގައި ހުރި ކަޅު ހިޔަނި ސާރާއަށް ރީއްޗަށް ފެނުނެވެ. އެ ހިޔަނި ހީވަނީ އަނދިރިގަނޑެއް ހެންނެވެ. އޭގެ އިސްކޮޅުގައި ފަސް ފޫޓުވަރު ހުންނާނެއެވެ. އޭތި ފެނުމުން ހަޅޭލަވައިގަންނަން އުޅެއުޅެ ސާރާގެ އަޑެއް ބޭރެއް ނުވިއެވެ. ތެދުވަން މަސައްކަތްކޮށްކޮށް ހަށިގަނޑުވެސް ގުޑުވާ ނުލެވުނެވެ. ސާރާއަށް އަމިއްލައަށް އޭނާގެ ބައްޕަ އަށް ގޮވާ އަޑު އިވޭހެން ހީވެއެވެ. ނަމަވެސް އޭނާގެ އަޑު ބޭރެއް ނުވެއެވެ. އެހެން މާ ގިނައިރުވާން ފެށުމުން ސާރާ ހިތުން ކުރުސި، ސޫރަތުލް ފާތިޙާ، ސޫރަތުލް ފަލަޤި، ސޫރަތުއްނާސި އަދި ސޫރަތުލް އިޚްލާޞް ކިޔަވަން ފެށިއެވެ. އެގޮތުގައި ހޭދަވީ ކުޑަ އިރޮކޮޅެކެވެ. ހީވީ ފަހަތުން މީހަކު އޭނާގެ ހަށިގަޑުގައި ހިފަހައްޓައިގެން ހުރެފައި ކުއްލިއަކަށް ދޫކޮށްލިހެންނެވެ. ހަށިގަނޑަށް އެރި ލޮޅުމަކާއެކު ގައިގައި ބާރު ޖެހުނެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެނދުން ތެދުވެ އޭނާ ދުވެފައި ގޮސް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރިއަށް ހޮޅިބުރީގެ ހުދު އަލި ފެތުރުމާއެކު ސާރާ މަޑުމަޑުން އެނބުރިފައި ކުޑަދޮރާ ދިމާއަށް ބަލާލިއެވެ.
(ނުނިމޭ)



