ކިތަންމެ ގިނައިން ލިބުނުކަމުގައި ވީނަމަވެސް އިންސާނާގެ ހިތެއް ނުފުރޭނޭ ބުނާތީ އަޑު އަހަމެވެ. ބޭނުންވިޔަސް މިކަމާ ދެކޮޅުވެވޭކަސް ނެތެވެ. ދެކޮޅު ވެވޭނެ ސަބަބެއް ވެސް ނުފެނުނެވެ. އަތުގައި އެންމެ ފޯނެއް، ދަބަހެއް، ފައިވާނެއް ކީއްކުރަން ހެއްޔެވެ. އެންމެ ލެޕްޓޮޕެއް އޮވެގެން ހިތެއް ނުފުރެއެވެ. ބޭކާރު ހަރަދު ކުރަމުން ގޮސް ކޮންމެ ވައްތަރަކުން ހައެއްކަ އެތި އޮވެއެވެ. މިކަހލަ ބޭކާރު ޚަރަދުތަށް ކުރުމުގައި ދިވެހިން އުޅެނީ އެންމެ ކުރީގައޭ ބުންޏަސް ދޮގަކަސް ނުވާނެއެވެ.
މި މުޖްތަމައުގެ ކޮންމެ ދިމާލަކަށް ބަލައިލިކަމުގައި ވީނަމަވެސް ފެންނާނީ ނުފޯރާ ފޮތިން ފޫގަޅަމުން ދުވާ މީހުންނެވެ. ތިމާގެ ނެތް ފެންވަރު ދައްކައިގެން ނަމަވެސް އެންމެ ފަހުގެ އެއްޗެހި ގަންނަން ޖެހެއެވެ. އެކަކަށް ވުރެ އަނެއްކަކު މޮޅު އެއްޗެއް ހޯދުމަށް ވާދަވެރިވެ ދިވެހިން މިވަނީ ބޭކާރު ހަރަދު ކުރުމުގައި އަތް ނުފޯރާ ހިސާބަށް ގޮސްފައެވެ.
ދަރައިގެންނާއި ސަލާން ޖަހައިގެން ނުވަތަ ވައްކަން ކޮއްގެން ވިޔަސް އިސްރާފް ކުރަނީއެވެ. ކޮންމެހެން ބޭނުން ނޫން އެތަށް އެއްޗެއް ހޯދައި އެއްކުރަނީއެވެ. މިއީ ހުއްޓާލަން ޖެހޭކަމެކެވެ.
އެއްކިޑްނީ ވިއްކައިލައިގެން ނަމަވެސް އައިފޯން އެކްސް އެއް ގަންނަން ޖެހެއެވެ. އަލަމާރި ފުރެންދެން އަޅުވާފައި ތިހުރީ ހަމަ ހުސް ލާން ބޭނުންކުރާ ހެދުން ހެއްޔެވެ؟ ނޫނީ އޭގެތެރޭގައި ގިނައީ އަތުގައި ރުފިޔާ އެއް އޮވެގެން ކެއް ނުވެގެން ގޮސް ގަނެފައި ހުރި ނުލާ ހެދުންތަށް ހެއްޔެވެ؟
ބޮޑު ފޮއްޓެއް ފުރެންދެން އެއްކޮއްފައި ތިހުރި ހުރިހާ ލިޕްސްޓިކްއެއް ޖައްސަން ހެއްޔެވެ؟ ހަލާކު ނުވެ ބޭނުމެއް ނުކޮށްހުރި ކިތަށް ދަބަސް އެބަހުރި ހެއްޔެވެ؟ ދަރިފުޅުގެ ޕާސް ފުރެންދެން ގަނެދީފައި ހުރި ގަލަންތަކަކީ ކޮންމެހެން ބޭނުން ވެގެން ގަނެފައި ހުރި އެއްޗެހި ހެއްޔެވެ؟ ދުވާލަކު ކާޓޫނެއްގެ ސިގިރޭޓް ތިބޮނީ ކޮންމެހެން ބޯން މަޖުބޫރުވާތީ ހެއްޔެވެ؟ ފިހާރައަށް ވަދެ އެނާޖީ ޑްރިންކްސް އާއި ތަފާތު ވައްތަރުގެ ލުއިކާނާ ގަނެގެން ތިކަނީ ކާނެ އިތުރު އެއްޗެއް ނެތީމަ ހެއްޔެވެ؟
މިސުވާލުތަށް އަމިއްލަ ނަފްސާ ކޮއްލަބަލާށެވެ! އަޅެ ޖަވާބަކީ "ހުސް ބޭކާރު ހަރަދު" މިއީ ނޫންތޯއެވެ. މިކަހަލަ ބޭކާރު ކަންކަމުގައި އިސްރާފް ނުކޮށް މިކަންތަށް އިސްލާހު ކުރެވޭތޯ ބަލާށެވެ.
ދިވެހިންނަކީ ވަރަށް ހެއްވާ ބައެކެވެ. އަސާސީ ބޭނުންތަކަށް ހަރަދު ކުރާނެ ފައިސާއެއް އަތަކު ނޯވެއެވެ. އެކަމަކު އާ ވައްތަރެއްގެ ފޯނެއް، ހެދުމެއް، ފައިވާނެއް ނުވަތަ މިނޫންވެސް މިކަހަލަ އެއްޗެއް ތައާރަފް ވެއްޖެ ނަމަ އެގަންނާނެ ރުފިޔާ ހުރެއެވެ. ކޮންމެ ދުވަހަކު ސިގިރޭޓް ބޯން ރުފިޔާ ހުރެއެވެ. އެކުވެރިންނަށް ދަޅު ބަހަން ވެސް ރުފިޔާ ހުރެއެވެ.
ނަމަވެސް ގޭގެ ކަރަންޓބިލް ދައްކަން، ފެންބިލް ދައްކަން ނުވަތަ ގެއަށް ކައްކަން ބޭނުން އެއްޗެހި ގަންނަން ވީމަ އަތުގައި ރުފިޔާއެއް ނޯވެއެވެ. މިހެން ކަންތަށް ތަށް ވާން މެދުވެރިވަނީ ބޭކާރު ހަރަދު ކޮށް އިސްރާފް ކުރާތީއެވެ. މިއަދުން ފެށިގެން ބޭކާރު ހަރަދު މަދުކޮށް ކޮންމެހެން ބޭނުން ޖެހޭ އެއްޗެއް ނޫނީ ނުގަނެ ވޭތޯ ބަލާށެވެ. އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ.
ތިމާއަތުގައި އެންމެފަހުގެ ޒަމާނީ ވަސީލައްތައް ގިނަވި ކަމުގައި ވީނަމަވެސް އެއީ އެކަމުން އާޙިރުގައި ތިމާއަށް ފައިދާވާނެ ކަމެއް ނޫނެވެ. އޭގަބަދަލުގައި ބޭކާރުހަރަދު ނުކޮށް އާޙިރުގައި އެކަމުން ފައިދާއެއް ވާނެ ފަދަ ކަމެއް ކުރެވޭތޯ ބަލާށެވެ.
ސޮދަގާތް ކުރުމުން ހަމަގައިމުވެސް ފަހުން ފައިދާތަކެއް ވާނެއެވެ. ބޭކާރު ހަރަދު ކުރުމާއި މުއްސަދި ކަމާއި ފައިސާގެ ފަހަތުން ނުދުވެ ދެދުނެޔެ ބާއްޖަވެރިކުރެވޭތޯ ބަލާށެވެ. ރަނގަޅު ގޮތުގައި މުދާ ހޯދުމާއި ހެޔޮގޮތުގައި އެމުދާ ހަރަދު ކުރުމަށް އިސްކަމެއްދީ ފަރުވާތެރިވާށެވެ. އަދި އިސްރާފުކުރުމާއި ބޭކާރު ހަރަދު ކުރުން ދޫކޮށްލާށެވެ.




