ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޚިދުމަތް ފަށައިފި

ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވާފައިވަނީ ޗީފް އޮފް ސްޓާފް އަލްޢުޛްތާޒް ޢަލީ ޒާހިރުކަމަށެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވެފައިވަނީ މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަށްތައް 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ޤާއިމްކޮށް، ޙިދުމަތް ދެމުންދާކަމަށެވެ. ގއ. ކަނޑުހުޅުދޫ އަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށު މީހުން މީގެ ކުރިން މި ޚިދުމަތް ހޯއްދަމުން އައީ ކައިރީގައި ހުރި ލެބޯރޓްރީ ޚިދުމަތްދޭ ރަށްރަށްކަމުގައިވާ ގއ. ގެމަނަފުށި ސިއްޙީ މަރުކަޒު އަދި ގދ. ގައްދޫ ސިއްޙީ މަރުކަޒުންނެވެ.

މިއީ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އެހެންކަމުން، މި ޚިދުމަތް މި ރަށުގައި ތަޢާރަފް ކުރުމުގެ ސަބަބުން މި ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައެވެ. ގއ. އަތޮޅުގައި ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ގެމަނަފުށި ސިއްޙީ މަރުކަޒު، ގއ. ދާއްދޫ ސިއްޙީ މަރުކަޒު، ގއ. ދެއްވަދޫ ސިއްޙީ މަރުކަޒު، ގއ. ކޮލަމާފުށި ސިއްޙީ މަރުކަޒުގެ އިތުރުން އަދި ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުންނެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ