މާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރަ ފަޅާލަން އުޅުނު ބަޔަކު, ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ބަޔަކު ވައްކަން ކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 04:00 ހާއިރު ކަމަށެވެ.
"މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް ގޮސް ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ގްރައުންޑް ފްލޯއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައިވޭ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އެތަނުން އެކަކު ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ސޮނީ ސްޕޯޓްސް ފިހާރަ ފަޅާލަން އުޅުނު މީހުންނަށް އެ ފިހާރައިން އެއްވެސް އެެއްޗެއް ވަގަށް ނެގިފައި ނުވާއިރު، މި މައްސަލައިގައި ފުލުހުންގެ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.
"މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު އެތަނުން އެކަކު ހުރީ ކާކުކަން ނޭނގޭގޮތަށް މޫނު ފޮރުވުމަށްޓަކައި ހެލްމެޓް އަޅައިގެން. ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އާލާތްތަކެއް އެތަނުން ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ދުއްވި ސައިކަލް ބަލާ ޗެކްކުރިއިރު، ސައިކަލުގެ ނަންބޯޑުގައި ޓޭޕް އަޅާ ފޮރުވާފައިވާ ކަމަށާއި، އިތުރަށް ބެލި ބެލުމުން އެއީ އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން އެނގުމުން ސައިކަލް ޓޯކޮށްފައިވާ ކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.





ހިޔާލު
Dhen neh tha emeehun koffa oiy nubai kameh.ranglha balairu hoadhamun dhaa 2 meehun nah vaane .bodu vareh