ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:50 ހާއިރު ކަމަށެވެ.
"މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ހުވަނދުމާ ހިނގުމުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި، ފިލިގަސްމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެން." ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ، ސައިކަލު ދުއްވަން އިން 48 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 41 އަހަރުގެ ދިވެހި އަންހެނަކަށެވެ. ދެމީހުންކުރެ އެކަކަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 27 އަހަރުގެ އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އޭނާ ދުއްވި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު އަދި ކާރު ދުއްވަން އިން މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށާއި، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.




