ނިރުބަވެރި ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް އަމާޒުކޮށްގެން "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
އޮކްޓޫބަރު 14 ން 15 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ނިރުބަވެރި މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
ނިރުބަވެރި ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި ދޭސީކަމާއި، އުސޫލްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ.

ހަމަ އެއާއެކު، ނިރުބަވެރި ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ނިރުބަވެރި ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވެއެވެ.