"އަނދިރިކަން" ރިލީޒްކުރުން ފަސްކޮށްފި

މި މަހު 22 ގައި ރިލީޒްކުރުމަށް ހަމެޖެހިފައިވާ ސީޒަން ޑައިރެކްޓްކުރާ ފީޗާ ފިލްމް "އަނދިރިކަން" އެ ދުވަހު ރިލީޒްކުރުން ކެންސަލްކޮށް ފިލްމް ޕްރިމިއަރކުރުން ފަސްކޮށްފިއެވެ. ފިލްމް ޕްރިމިއަރކުރުން ކެންސަލްކޮށްފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

ފިލްމްގެ ޑައިރެކްޓަރު އަދި ލީޑު ރޯލުން ފެނިގެންދާ ތަރި ސީޒަން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ފިލްމް ޕްރިމިއަރކުރުން ލަސްކޮށްފައިވަނީ، ފިލްމްގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެހެންކަމުން ފިލްމް އަޅުވަން ކުރިން ކަނޑައެޅުނު ތާރީހުގައި ފިލްމް އެޅުވެން ނެތްކަމަށް ސީޒަން ބުނެފައިވެއެވެ.

މި މަހުގެ 22 ވަނަ ދުވަހު ފިލްމް އެޅުވުން ކެންސަލްކޮށްފައިވީނަމަވެސް، ދިމާވި މައްސަލަ ހައްލުކުރެވުމާއެކު، ފިލްމް އަޅުވާނެ ތާރީހު އެނގިގެންދާނެކަމުގެ ޔަގީކަން ސީޒަން ދީފައިވެއެވެ.

އާއިލީ ޑްރާމާއެއް ފެނިގެންދާނެ މިފިލްމަކީ، މުޖުތަމައުގައި ހިނގާ މައްސަލައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމްގެ ލީޑު ބަތަލްގެ ރޯލުން ސީޒަން ފެނިގެންދާއިރު، ޝީލާ އަދި ރިޝްފާއަކީ ފިލްމްގެ ދެ ބަތަލާއިންނެވެ. މީގެ އިތުރުން، ޝަކީލާ(ޝަކިއްތަ)، ޒީނަތު އަދި ސައީދުވެސް މި ފިލްމްގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

“އަނދިރިކަން”ގެ ކުޑަ ޓްރެއިލާއެއްވެސް މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ޓްރެއިލާއިން ބިރުވެރި މަންޒަރުތަކެއްވެސް ފެނިގެންދެއެވެ. އަދި މި ފިލްމް ޕްރޮމޯޓްކުރަނީވެސް، “ދި އަންބޯން ޗައިލްޑް” މި ޓައިޓަލްގެ ދަށުންނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޓީމެއް މި ފިލްމްގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާއިރު، ސީޒަން ބުނީ މި ފިލްމަކީ ބެލުންތެރިން ޝައުގުވެރިކަމާއެކު ބަލާހިތްވާނެ ފިލްމަކަށް ވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ