"ޖޯޖިއާ"ގެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރާ އެއްމާބަނޑު ދެ އަންހެން ނަރުހުން، އެއްމާބަނޑު ދެ ކުދިން ވިއްސައިފިއެވެ.
"ތާރާ" އަދި "ޓޯނީ" އަކީ ޖޯޖިއާގެ ހޮސްޕިޓަލެއްކަމުގައިވާ "ޕިއެޑްމޮން އެތެންސް ރީޖަނަލް މެޑިކަލް ސެންޓާ" ގައި ވަޒީފާ އަދާކުރާ ދެ ނަރުހުންނެވެ. އަދި ތާރާއަކީ ވިއްސާ ނަރުހެކެވެ.
މި ދެމީހުން މީގެކުރިން ދުވަހަކުވެސް އެއްވަގުތެއްގައި އެއް ވިއްސާކޮޓަރީގައި، މަސައްކަތް ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް "ރިބެކާ ވިލިއަމްސް" ނަމަކަށް ކިޔާ އަންހެނަކު އެ ހޮސްޕިޓަލުގައި ވިހެއުމަށް އައުމަށްފަހު، ސިޒޭރިއަން ހަދަންޖެހުމުގެ ސަބަބުން، އޭނާ ވިއްސާފައިވަނީ މި ދެމީހުންނެވެ. އަދި އެއްމާބަނޑު މި ދެ ނަރުހުން ވިއްސާފައިވަނީވެސް، އެއްމާބަނޑު ދެ ކުދިންނެވެ.
ތާރާ ބޭރުގެ ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި، އެ އަންހެންމީހާ ވިއްސުމުގައި އެހީވުމަށް އެ ދެމީހުންނަށް ހަވާލުކޮށްފައިވާކަން އެނގުނު ހިސާބުން އަވަހަށް އޭނަގެ ދައްތަ ޓޯނީ ހޯދުމަށް ދިޔަ ކަމަށެވެ. ނަމަވެސް މި ވިއްސެނީ އެއްމާބަނޑު ދެކުދިންކަމެއް އޭރަކު ސިކުނޑިއަކަށް ނަގާނުގަނެވޭ ކަމަށާއި، އަދި އޭރު އެއީ އެހާ ހާއްސަކަމެއްކަމަށްވެސް ވިސްނައިނުލެވޭކަމަށެވެ.
އެ އަންހެމީހާ ވިހާފައިވަނީ އެއްމާބަނޑު ދެ އަންހެންކުދިންނެވެ. މި ދެކުދިންނަށް ދީފައިވާ ނަމަކީ، "އެޑިސަން" އަދި "އެމާ" އެވެ.
އެއްމާބަނޑު މި ދެ އަންހެން ނަރުހުން، އެއްމާބަނޑު ދެ ކުދިން ވިއްސުމަށްފަހު އެކުގައި ނަގާފައިވާ ފޮޓޯ މިހާރު އިންޓަނެޓްގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ދަނީ ލިބެމުންނެވެ.




