2020 ވަނަ އަހަރު، ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކުރުމަށް، "ލޯންލީ ޕްލެނެޓް" އިން ހޮވި އެންމެ ރަނގަޅު 10 ޤައުމުގެ ލިސްޓުގެ އެއްވަނަ، ދެކުނު އޭޝިޔާގެ ބޫޓަށް ލިބިއްޖެއެވެ. ފަތުރުވެރިކަމާއި، ދަތުރުފަތުރާ ގުޅޭ އެކި މަޖައްލާތަކާއި ފޮތްތައް ޝާއިއުކުރާ ލޯންލީ ޕްލެނެޓްގެ ލިސްޓުގެ އެއްވަނަ ބޫޓާނަށް ލިބިފައިވަނީ ވަރަށް ގިނަ ސަބަބުތަކަކާ ގުޅިގެންނެވެ.
ލޯންލީ ޕްލެނެޓް އިން ކޮންމެ އަހަރަކުވެސް ނެރޭ މި ލިސްޓަކީ ގިނަ ބަޔަކު އިތުބާރު ކުރާ، އަދި އެލިސްޓާ އެއްގޮތަށް ދަތުރުކުރުމުގެ ކަންކަން ބައްޓަން ކުރާ ލިސްޓެކެވެ.
ލިސްޓުގެ އެއްވަނަ ހޯދި ބޫޓާނަކީ، ޤުދުރަތީ ވެށި ހިމާޔަތް ކުރުމުގައި އެފަދަ ދެވަނައެއް ނެތް ޤައުމެކެވެ. ދުނިޔޭގައި އޮތް ހަމައެކަނި ކާބަން ނެގެޓިވް ޤައުމަކީ އެއީކަމަށްވާއިރު، ޤައުމުގެ ކާމިޔާބީ މިނެކިރުމުގައި އިގުތިސާދީ ކުރިއެރުމުގެ ބަދަލުގައި ރައްޔިތުންގެ އުފާވެރިކަމަށް ބަލާ ހަމައެކަނި ޤައުމަކީވެސް ބޫޓާނެވެ. އެޤައުމުގެ ބޮޑު ބަޔަކީ ޖަންގަލިތަކާއި ފަރުބަދަތެކެވެ.
ލިސްޓުގެ ދެވަނަ އިންގްލެންޑަށް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ އުތުރު މެކެޑޯނިޔާ އަށެވެ. ހަތަރުވަނަ އަރުބާ އައިލެންޑަށް ލިބޭއިރު، ފަސްވަނަ ލިބެނީ ދާދިފަހުން ނަން ބަދަލުކުރި ކިންގްޑަމް އޮފް އެސްވާޓިނީ އަށެވެ. އެފްރިކާގެ މި ޤައުމަށް ކުރިން ކިޔަނީ ސްވާޒިލެންޑެވެ. ހަވަނަ ކޮސްޓަރީކާ އަށް ލިބޭއިރު ހަތްވަނަ ލިބެނީ ނެދަލެންޑްސް އަށެވެ.

ލިސްޓުގެ އަށްވަނަ ލައިބީރިޔާ އަށް ލިބޭއިރު، ނުވަވަނަ ލިބެނީ މޮރޮކޯ އަށެވެ. ލިސްޓުގެ 10 ވަނަ ޔަޤީން ކޮށްފައިވަނީ އުރުގުއޭ އިންނެވެ.
ރާއްޖެއަކީވެސް، ފަތުރުވެރިންގެ މެދުގައި މަގުބޫލު، އަގުބޮޑު، ރީތި މަންޒިލެއްކަމުގައިވިޔަސް، މި އަހަރުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިނުވެއެވެ.
މި ލިސްޓު އެކުލަވާލުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރާ ޤައުމުތަކަށްވެސް އިތުރަށް ޕޮއިންޓް ލިބިފައިވެއެވެ.



