ޔޫސީއެލް - 26 ހަމަލާއިން ރެއަލްމެޑްރިޑަށް އެންމެ ލަނޑެއް

ރޭ ޗެމްޕިއަންސް ލީގުގައި ގަލަތަސަރޭއާއި ދެކޮޅަށް ކުޅުނު މެޗު ހަނިގޮތަކަށް ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

މުޅި މެޗުގައި ރެއަލްމެޑްރިޑުން ޖުމްލަ 26 ހަމަލާ ފޮނުވާލާފައިވާއިރު، ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އޭގެ ތެރެއިން 13 ހަމަލާއެއް ގަލަތަސަރޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވާއިރު، ބާކީ ހުރި ހަމަލާތައްވަނީ ރެއަލްމެޑްރިޑުގެ ކުޅުންތެރިން ބޭކާރު ކޮށްލާފައެވެ.

ގަލަތަސަރޭގެ ކީޕަރު ފަނަންޑޯ މުސްލެރާ ރެއަލްމެޑްރިޑްގެ ބައެއް ޙަމަލާތައް ދިފާޢުކޮށްފައި ވީނަމަވެސް، ގިނަ ހަމަލާތައް ބޭކާރުވީ ކުޅުންތެރިންގެ ފަރުވާ ކުޑަކަމުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 18 ވަނަ މިނަޓްގައި ޓޯނީ ކްރޫޒް ކާމިޔާބުކޮށްދިންއިރު، މިލަނޑަކީވެސް ގަލަތަސަރޭ ޑިފެންޑަރެއްގެ ގައިގައިޖެހި މިސްރާބު ބަދަލުވެގެން ގޯލަން ވަތް ލަނޑެކެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި ދާދިފަހުން އެކްލަބާއި ގުޅުނު އެޑަން ހަޒާޑު ގަލަތަސަރޭގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލްގެ މަތީ ދަނޑިއާއެވެ. ރެއަލްމެޑްރިޑްގެ ގިނަ ކުޅުންތެރިން މަދުވެގެން އެއް ޙަމަލާ ރޭގެ މެޗުގައި ފޮނުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިސީޒަންގައި ރެއަލްމެޑްރިޑުން މިހާތަނަށް ކުޅުނު 12 މެޗުގައި 212 ހަމަލާއެއް ފޮނުވާލާފައިވާއިރު، އިދިކޮޅު ގޯލާއި އަމާޒުވެފައިވަނީ އޭގެތެރެއިން 76 ހަމަލާއެވެ. އަދި ކާމިޔާބުކުރެވުނީ އެންމެ 19 ލަނޑެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިން މެޗުން ލިބުނު ޖުމްލަ 4 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ގްރޫޕް އޭ ގެ ދެވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ