ލ. ފޮނަދޫއަށް ބަދަލުވި އެ އަތޮޅު ގާދޫ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް މިމަހުގެ 27ވަނަ ދުވަހު ބޯހިޔާވަހިކަން ލިބޭނެކަމަށް ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމި ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާޔިފާ ވިދާޅުވީ، އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ ބައެއްކަންހުރީ ވަރަށް ދަށް ފެންވަރެއްގައިކަމަށާއި، އެގޮތުން ހައުސިން ޔުނިޓްތައް އަޅާފައިވީނަމަވެސް ހުންނަންޖެހޭ ބައެއް ޚިދުމަތްތައް ނެތުމުގެ ސަބަބުން ގެތަކަށް ނުވަދެވި ހުރިކަންވެސް މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ފޮނަދޫގައި ހުރި 23 ގޭގައި މިއަދާ ހަމަޔަށް އައިރުވެސް ފެނާ ކަރަންޓާއި، ފާޚާނާގެ ޚިދުމަތްތައް ނެތްކަމަށާއި، އެހެންނަމަވެސް މިހާރު އެ މަސައްކަތް ފަށާފައިވާއިވާއިރު މަސައްކަތް ނިންމާ މިމަހުގެ 27 ވަނަ ދުވަހު އެ ގެތަކަށް މީހުން ބަދަލުކުރާނެކަމަށެވެ.
ފޮނަދޫގައި ގާދޫ ރައްޔިތުންނަށްވަނީ 85 ގެ އަޅައިދީފައެވެ. ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ސުނާމީގައި މީހުން ބަދަލުކުރު ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގެ މީހުންގެ ކަންކަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، އަންނަ އަހަރުގެ މެދެއްހާތާ މި ފަރާތްތަކުގެ ރަޖިސްޓްރޭޝަން މަސައްކަތް ނިންމާނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.




