އިޓާލިއަން ސީރީއާގައި ރޭ ލެއްޗެއާއި ޔުވެންޓަސް ބައްދަލުކުރި އެއްވަރު ވެގެން ނިމިއްޖެއެވެ.
ޔުވެންޓަސްގެ އިތުބާރު ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ކުޅުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ޖަހާފައިވަނީ ދެޕެނަލްޓީއިންނެވެ. ޔުވެންޓަސްގެ ލަނޑު މެޗުގެ 50 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، ޔުވެންޓަސް މިޑްފީލްޑަރު މިރަލެމް ޖެނިޗަށް އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި ލެއްޗެގެ ލަނޑު އޭގެ ހަ މިނަޓްފަހުން މާކޯ މަންކޯސޯ ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެލީޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
އެންމެ ފަހުން ކުޅުނު 7 މެޗުންވެސް މޮޅުވެ، ރޭގެ މެޗަށް ޔުވެންޓަސް ނުކުތީ މޮޅުވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމަކާއެކުގައެވެ. އެގޮތުން މެޗުގައި ގިނަ ހަމަލާތަކެއް ޔުވެންޓަސްއިން އުފައްދާފައިވާއިރު، ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވެސްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ޑިބާލާގެ ހުރަހަކުން ބޮނޫޗީއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ޔުވެންޓަސް އެއްވަރުވުމާއެކު ދެވަނަގައި އޮތް އިންޓަރމިލާންއަށް ތާވަލްގެ އެއްވަނައަށް އަރަންވަނީ ފުރުޞަތު ލިބިގެން ގޮސްފައެވެ. ނަމަވެސް ޕަރްމާއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެ އިންޓަވަނީ މިފުރުޞަތު ގެއްލުވާލާފައެވެ.
އިންޓަރގެ ލަނޑުތައް އެންޓޯނިއޯ ކަންޑްރެވާއާއި ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިންއިރު، ޕަރްމާގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޔަން ކަރަމޯއާއި ޖަވީނޯއެވެ.
ރޭގެ މިނަތީޖާތަކަށްފަހު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކު އިޓާލިއަން ސީރީއާގެ ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު، ދެވަނާގައި އޮތް އިންޓަރމިލާންއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. އަތި ތިންވަނާގައި އަޓްލާންޓާއޮތީ 17 ޕޮއިންޓާއެކުގައެވެ.



