ސްޕެނިޝް ލަލީގާގައި ރޭ ވަލަޑޮލިޑްއާއި ބައްދަލުކޮށް ފަސޭޙަކަމާއެކު ބާސެލޯނާ މޮޅުވިއިރު، މެސީ ކެރިއަރުގައި ހިލޭ ޖެހުމުން ޖެހި ލަނޑުގެ އަދަދު 50 އަށް އަރުވައިފިއެވެ.
ރޭގެ މެޗުގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ތަފާތަކީ ކެޕްޓަން ލިއޮނަލް މެސީކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭވަނީ ބުނެފައެވެ. ރޭގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނައަށް ބާސެލޯނާ އެރިއިރު ރޭގެ މެޗުގައި މެސީވަނީ ދެލަނޑު ޖަހާ، ދެ އެސިސްޓް ހަދާފައެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ 2 ވަނަ މިނަޓްގައި ލެންގްލެޓް ޖަހައިދިން ލަނޑާއެކު ބާސެލޯނާއިން ލީޑުނެގިއިރު، ވަލަޑޮލިޑުން މާގިނައިތުރަކެއްނުވެ މެޗުގެ ނަތީޖާވަނީ ހަމަހަމަކޮށްފައެވެ.

ވަރުގަދަ ކުޅުމެއް ދައްކަމުން އައި ބާސެލޯނާއިން އެނބުރި ލީޑަށް އަންނަން މާގިނައިރުތަކެއް ނުނެގިއެވެ. 29 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ވިޑާލް ޖަހާފައިވަނީ މެސީ ދިން ބޯޅައަކުންނެވެ. އަދި އޭގެ ފަސް މިނަޓްފަހުން 25 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުން ކާމިޔާބުކުރި ހިތްޤައިމު ލަނޑަކާއެކު މެސީ ބާސެލޯނާއަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މިއީ ހިލޭ ޖެހުމުން މެސީ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
ބާސެލޯނާގެ ހަތަރުވަނަ ލަނޑުވެސް ޖަހާފައިވަނީ މެސީއެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ހޫނު ހަމަލާއަކާއެކު މެސީ މިލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 75 ވަނަ މިނަޓްގައެވެ. އަދި އޭގެ ދެމިނަޓްފަހުން މެސީ ދިން ތުރޫ ޕާހަކުން ލުއިސް ސުއަރޭޒް ލަނޑެއްޖަހައި މެޗުގެ ނަތީޖާ 5-1 އަކަށް އެރުވިއެވެ.

"މެސީއާއި ބެހޭގޮތުން ބުނާނެ އެއްޗެއް ނޭނގޭ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު މެސީ އަބަދުވެސް ހުންނާނެ." ވަލްވާޑޭ ބުންޏެވެ.
މީގެއިތުރުން ވަލްވާޑޭ ބުނީ، ބާސެލޯނާގެ ހުރިހާވެސް ތަފާތަކީ މެސީ ކަމަށާއި، މެސީގެ ހުނަރާއި އަޅާކިޔޭނެ އިތުރު ފުޓްބޯޅަ ކުޅުންތެރިއެއް ނެތްކަމަށެވެ.
ބާސެލޯނާ ތާވަލްގެ އެއްވަނާގައި އޮތީ 10 މެޗުން ލިބުނު ޖުމްލަ 22 ޕޮއިންޓާއެކުގައެވެ.



