ލަލީގާ - ލަގަނެސް ބަލިކޮށް ރެއަލްމެޑްރިޑް ބާސެލޯނާ ފުލުގައި ވިއްދައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ފަސޭޙަކަމާއެކު ލަގަނެސް ބަލިކޮށް ރެއަލްމެޑްރިޑުން ބާސެލޯނާ ފުލުގައި ވިއްދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރެއަލްމެޑްރިޑުން ޖެހި ފަސް ލަނޑުވެސް ޖަހާފައިވަނީ ތަފާތު ފަސް ކުޅުންތެރިއެކެވެ. މެޗު ފެއްޓުމާއެކު ރޮޑްރީގޯ ލަނޑެއްޖަހައި ރެއަލްމެޑްރިޑަށް ލީޑު ނަގައިދިންއިރު، ޖެހިގެންއައި މިނަޓްގައި ޓޯނީ ކްރޫސްވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްދީފައެވެ.

އަދި ލިބުނު ޕެނަލްޓީއަކުން ރާމޯސް ކާމިޔާބުކޮށްދިން ލަނޑަކާއެކު މެޗު ފުރަތަމަ ހާފު ރެއަލްމެޑްރިޑުން ނިންމާލާފައިވަނީ ތިން ލަނޑުގެ ތަފާތަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ދެލަނޑު ޖަހަން އެހީތެރިވެދިން ބެންޒެމާވަނީ ލަނޑެއްޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑާއެކު ރެއަލްމެޑްރިޑުންވަނީ ފަސޭޙަކަމާއެކު މެޗުން ތިން ޕޮއިންޓް ހޯދާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އިތުރު ވަގުތުގައި ޖޮވިޗް ރޭ ކާމިޔާބުކޮށްދިން ލަނޑަކީ އޭނާ ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. 60 މިލިއަން ޔޫރޯގެ އެއްބަސް ވުމެއްގެ ދަށުން ފްރެންކް ފާޓް ދޫކޮށް ރެއަލްމެޑްރިޑާއި ޖޮވިޗް ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ.

ދިހަ މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައި ރެއަލްމެޑްރިޑް އޮތްއިރު އެއްވަނާގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި 20 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި އޮތީ ގްރަނާޑާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ