ތިން މަހުގެ ސަސްޕެންޝަންއަށް ފަހު ކެޕްޓަން ލިއޮނަލް މެސީ އާޖެންޓީނާ ޓީމުގައި ހިމަނައިފިއެވެ.
މެސީއަށް ސަސްޕެންޝަން އައިސްފައިވަނީ މިއަހަރުގެ ކޮޕާ އެމެރިކާގައި ސައުތު އެމެރިކާގެ ފުޓްބޯޅާ ފެޑެރޭޝަން (ކޮންމެބޯލް) އަށް ކޮރަޕްޝަން ތުޙުމަތުކޮށް ފާޑުކިޔާފައިވާތީއެވެ. މިކަމާއި ގުޅިގެން މެސީއަށް ތިން މަހުގެ ސަސްޕެންޝަންއެއް އައިރު 50 ހާސް އެމެރިކާ ޑޮލަރުން ޖޫރުމަނާވެސް ކުރެވުނެވެ.
މިއަހަަރުގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ބްރެޒިލްއާ ބައްދަލުކޮށް އާޖެންޓީނާ ބަލިވި މެޗަށްފަހު މެސީ ބުނެފައިވަނީ މުޅި މުބާރާތްވެސް ރާވާފައިއޮތީ ބްރެޒިލްއަށް މުބާރާތް ކާމިޔާބުވާ ގޮތަށްކަމަށެވެ. އަދި މެސީގެ އެންމެ ބޮޑު ޝަކުވާއަކީ އެމެޗުގައި ރެފްރީ ވީއޭއާރުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައިނުވުމެވެ. އަދި ޖެހިގެން އައި ތިންވަނަ ހޮވާ މެޗުގައި މެސީއަށް ރަތްކާޑު ދައްކާފައިވާއިރު، އެރަތްކާޑަކީ ބްރެޒިލް މެޗަށްފަހު ދެއްކި ވާހަކަތަކާއި ގުޅިގެން ލިބުނު ކާޑެއްކަމަށްވެސް މެސީވަނީ ބުނެފައެވެ. މުބާރާތުގެ ލޯ މެޑަލްއާއި ޙަވާލުމަށްވެސް މެސީވަނީ ދެކޮޅުހަދާފައެވެ.
ތިންވަނަ ހޮވާމެޗުގައި ޗިލީއާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުން މެސީ އާޖެންޓީނާއަށް ކުޅެފައެއް ނުވެއެވެ. އެހެންނަމަވެސް މިނޮވެމްބަރު އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް އެޤައުމުން ނަގާފައިވާ ލިސްޓްގައި މެސީވަނީ ހިމެނިފައެވެ.
#Convocatoria Lista de convocados de la Selección Mayor y Sub 23 para la doble fecha FIFA de noviembre. pic.twitter.com/Rrqj2vechK
— Selección Argentina ?? (@Argentina) October 31, 2019
އާޖެންޓީނާއިން ރަޙްމަތްތެރިކަމުގެ ދެ މެޗު މިމަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބްރެޒިލްއާއި ދެކޮޅަށް ނުކުންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗުގައި އުރުގުއާއީ އާއި ބައްދަލުކުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.



