ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން އިބްރާހީމް މުޙައްމަދު ޞޯލިޙަށް ވޯޓް ދެއްވީ ވަގުން ހިފަންކަމަށް، ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމަށް މިރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދެއްވި ވޯޓަކީ ފޮނި އުއްމީދުތަކެއްގައި ދެއްވި ވޯޓެއް ކަމަށާއި، އެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް މަޖިލިސް އިންތިޚާބުގައި ތިލަތަފަށް ވޯޓުދެއްވަންޖެހޭ ކަމަށެވެ.
"23 ސެޕްޓެމްބަރު ދުވަހު ދިވެހި ރައްޔިތުން ދިން ވޯޓަކީ އުއްމީދުތަކާއެކު ދިން ވޯޓެއް، ވަގުން ހިފަން އެ އުއްމީދުގައި ދިން ވޯޓެއް، އިންސާފު ޤާއިމުކުރުމުގެ އުއްމީދުގައި ދިން ވީޓެއް، ބަނދަރު ހެދޭނެކަމަށް، ތަޢުލީމު ރަނގަޅު ފެންވަރަކަށް ލިބޭނެކަމަށް، ފެނާއި ނަރުދަމާ ލިބޭނެކަމަށް، ބޯހިޔާވަހިކަން ލިބޭނެކަމަށް، މި އުއްމީދުތަޖުގައި ދިން ވޯޓެއް." ހިސާން ހުސައިން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ބޭނުންވަނީ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، ރައްޔިތުންގެ އެ އުއްމީދުތައް ހަޤީގަތަކަށް ހަދާނެ ބައެއްކަމަށް ވަނީނަމަ، ތިލަފަތަށް ވޯޓު ދެއްވަން ޖެހޭ ކަމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ "އެޖެންޑާ 19" ތަންފީޒުކުރާނެ މަޖިލީހެއް ކަމަށެވެ.
އެޖެންޑާ 19 ތަންފީޒުކުރުމަށް ތިލަފަތަށް ވޯޓު ދެއްވަމުމަށް ހިސާން ގޮވާލެއްވިއިރު، އެމްޑީޕީގެ ޕްރެސް ކޮންފެރެންސެއްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޚައްމަދު އަސްލަމް ވިދާޅުވެފައިވަނީ، އެޖެންޑާ 19 ގެ ދަށުން ހަދާ ޤާނޫނުތަކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށްވެސް ނުކުޅެވޭނެ ކަމަށެވެ.




