ވަގަށް ނަގާފައިވާ ފޯނާއި ވޮލެޓްތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ފޯނުތަކަކާއި ވޮލެޓްތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ފަތިހު ހުޅުމާލެ-ހުޅުލެ ހައިވޭއިން ހުޅުމާލެއާ ވީކޮޅުން ދިޔަ މީހެއްގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އެވަގުތު ޕެޓްރޯލް ކުރަންއުޅުނު ފުލުހުން އެމީހާ ހުއްޓުވާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ.

"މިމީހާ ބަލާ ފާސްކުރިއިރު އޭނާގެ އަތުން 6 ފޯނާއި، ދެ ވޮލެޓާއި، ބޮޑީސްޕްރޭ ފުޅިއެއް ަދި 235ރ ފެނިފައިވޭ. މިހާތަނަށް ބެލިބެލުމުން މި ފޯނުތަކަކީ ބިދޭސީންތަކެއްގެ ފޯނުތަކެއް ކަމަށް ބެލެވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ފޯނުތަކާއި ވޮލެޓްތައް އޭގެ ވެރިފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، މި މައްސަލައިގައި 32 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް ސައިކަލް ދުއްވާފައިވަނީ ލައިސަންސް ނެތި، ބޭނުންކޮށްފައިވަނީ ޤަވާއިދަށް ނުފެތޭ ހެލްމެޓެއް. އަދި އޭނާ ދުއްވި ސައިކަލްގެ ހުރިހާ ސްޓިކާއެއްގެ މުއްދަތު ވަނީ ހަމަވެފައި. މި މައްސަލަތަކުގައި އޭނާއަށް ޓްރެފިކް ޤާނޫނުގެ ދަށުން ވަނީ ފިޔަވަޅު އެޅިފައި." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ