ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗު ނީކޯ ކޮވަޗް މަޤާމުން ދުރުކޮށްފިއެވެ.
މިފަހަކަށް އައިސް ބަޔާނުން ހޯދަމުންދާ ދަށް ނަތީޖާތަކާއި ގުޅިގެން ކޮވަޗް މަޤާމުން ދުރުކޮށްފައިވާކަން ބަޔާނުންވަނީ ކަށަވަރުކޮށްދީފައެވެ. ޖަރުމަން ލީގުގައި ފްރޭންކްފާޓް އަތުން 5-1 އިން ބަލިވި މެޗަކީ، ބަޔާންގެ ކޯޗު ކަމުގައި ކޮވަޗްހުރި އެންމެ ފަހު މެޗެވެ. އެއީ ބަޔާން މިއުނިކް 10 އަހަރު ތެރޭ ލީގުގައި އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މެޗެވެ.
FC Bayern parts ways with Niko Kovac. pic.twitter.com/xl0sjaZAqC
— FC Bayern English (@FCBayernEN) November 3, 2019
އެހެންކަމުން ބުދަދުވަހުގެ ރޭ ޗެމްޕިއަންސް ލީގު އޮލިމްޕިއާ ކޯސްއާއި ދެކޮޅަށް ބަޔާން ނުކުންނާނީ ކުރީގެ ޖަރުމަނުގެ އެސިސްޓެންޓް ކޯޗު ހެންސީ ފްލިކްގެ އިރުޝާދުންކަމަށް ބަޔާނުންވަނީ ބުނެފައެވެ. އަދި ހަފްތާ ބަންދުގައި ޑޯޓުމުންޑާއި ދެކޮޅަށް ނުކުންނަ ފޯރި ގަދަ މެޗުގައިވެސް ބަޔާންގެ ކޯޗަކަށް ހުންނާނީ ފްލިކްއެވެ.
"މިއީ މިވަގުތަށް އޮތް އެންމެ ރަނގަޅު ނިންމުން. ބަޔާންއާއެކު ހޭދަކުރެވުނީ އުފާވެރި ދުވަސްތަކެއް. އަބަދުވެސް ބަޔާންއަށް ކާމިޔާބީއަށް އެދެން." ކޮވަޗް ބުންޏެވެ.
2018 ވަނަ އަހަރުގެ ޖުލައިމަހު ބަޔާންގެ ކޯޗުކަމާއި ޙަވާލުވި، ކޮވަޗްވަނީ މިދިޔަ ސީޒަންގައި ބަޔާންއަށް ޖަރުމަން ކަޕާއި ޖަރުމަން ލީގު ކާމިޔާބުކޮށްދީފައެވެ.



