ފަސް ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުންދީފި

ޕޮލިސް އެކަޑަމީން ހިންގި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ފަސްވަނަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ނޮވެމްބަރު މަހުގެ 02 ވަނަ ދުވަހު ޕޮލިސް ޓްރެއިނިންގ ސްކޫލް، ދ. ވާނީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ، ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން ދެއްކެވި ވާހަކަފުޅުގައި، މިކޯހުން ދަސްވި އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި މިއަދު ވުޖޫދުކުރެވި ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ސްޓްރެޓީޖިކް ޕްލޭންގެ މަޤްޞަދުތައް ހާސިލްކުރުމުގައި، މި ކޯސް ނިންމި ބައިވެރިންގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި ޕޮލިސް ސަރވިސްގެ މިޝަން އަދި ވިޝަން އާއި ބެހޭގޮތުންނާއި، ކޯރ ވެލިޔުސް އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މިއަދު ކޯސްނިންމި ބައިވެރިންގެ އަމާޒަކަށް ވާންވާނީ ސްޓްރެޓީޖިކް ޕްލޭންގައިވާ ވިޝަން އާއި މިޝަން އަދި ކޯރ ވެލިޔުސް އާ ގުޅިގެން، ދެން އަންނަ ލަނޑުދަނޑި  ތަކަށް ވާސިލްވުމަށް މަސައްކަތްކުރުން ކަމަށާއި، އެ މަގަށް ވާސިލްވުމަށް ޙަޤީޤަތުގައި އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނީ ރައްޔިތުންނާ ކޮންމެ ދުވަހަކު ބައްދަލުވާ ފުލުހުންނަށް ކަމުގައި ފާހަގަ ކުރެއްވިއެވެ.

އަދި ހަމަ މިއާއެކު ޕޮލިސް އެކެޑަމީން ހިންގާ ތަމްރީނުތަކުގައި، އަމިއްލަ ޝަޙްސިއްޔަތު ބައްޓަންކުރާނެ ގޮތާއި ދާއިރާއާ ގުޅުންހުރި މަޢުލޫމާތާއި ހުނަރުތައް އުނގަންނައި ދިނުމަކީ މައިގަނޑު އަމާޒުކަން ފާހަގަކުރައްވައި، މި ކޯސް ނިންމުމަށްފަހު އެނބުރި މަސައްކަތަށް ނިކުންނައިރު، ކޯހުން ދަސްވި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމާއި އެ ބަދަލުތައް މަސައްކަތުގެ މާހައުލުގައި ފެންނަން ވާނެކަމުގައި ފާހަގަ ކުރެއްވިއެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ޕޮލިސިންގައި ދިމާވާ ހުރަސްތަކުން އަރައިގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް ރަނގަޅުގޮތުގައި ބައްޓަންކުރުމަށާއި އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަޢުލީމާއި ތަމްރީނާ އަދި ޤާބިލްކަން އިތުރު ކުރުމަށްޓަކައި ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން ޕޮލިސް ކޮންސްޓަބަލް ރޭންކުން ފެށިގެން ޕޮލިސް ސަރޖަންޓް ރޭންކާ ދެމެދުގެ މުވައްޒަފުންނަށް ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެ އަސާސީ ތަޢުލީމާއި ތަމްރީން ހިމެނޭގޮތަށް މިކޯހުގައި ކިޔަވައިދީފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން މި ނޮވެމްބަރު މަހުގެ 02 އަށް ޕޮލިސް ޓްރެއިންގ ސްކޫލް، ދ. ވާނީގައި  ކުރިއަށް ގެންދިޔަ މިކޯހުގައި 31 ފުލުހަކު ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. ހަތް ހަފްތާގެ މުއްދަތަށް ހިންގި މި ކޯހުގައި 25 މުދައްރިބަކު ކިޔަވައިދީފައި ވެއެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ފަސްވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ހެޑް އޮފް ޓްރެއިނިންގ ސްކޫލް،  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަނީފާއި، ޓްރެއިނިންގ ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާއި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ