ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގަލަތަސަރޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް ކުޅުން ތެރިއެއްކަމަށްވާ އުމުރުން 18 އަހަރުގެ ރޮޑްރީގޯ ސިލްވާގެ ހެޓްރިކާއެކު ރެއަލްމެޑްރިޑްއިން އެކްލަބުގެ ފެންވަރު ދައްކާލައިފިއެވެ.
ސަންޓިއާގޯ ބާނަބޯގައި ކުޅެވުނު މިމެޗު ފަސޭޙަކަމާއެކު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ރޮޑްރީގޯ ރެއަލްމެޑްރިޑަށް ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، ބެންޒެމާވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ރެއަލްމެޑްރިޑްގެ އަނެއް ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.
"އާ ނޭމާ" ގެ ނަމުން ދަނޑުމަތީ މަޝްހޫރުވެފައިވާ ރޮޑްރީގޯ ރޭގެ މެޗުގައި ހެޓްރިކާއެކު އޭނާވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހެދި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށްވެފައެވެ. މިލިސްޓްގެ އެއްވަނާގައި އުޅެނީ ރެއަލްގެ ލެޖެންޑް ރައުލްއެވެ.
"ރޮޑްރީގޯއަކީ ވަރަށް ވިސްނުންތޫނު ކުޅުންތެރިއެއް. އޭނާ ކަންކަން އަވަހަށް ދަސްކުރާއިރު، އަބަދުވެސް ހުނަރުކުރިއަރުވަން މަސައްކަތްކުރޭ." ރެއަލްމެޑްރިގެ ކޯޗު ޒިދާން ބުންޏެވެ.
ރޭގެ މެޗަށްފަހު ރޮޑްރީގޯ ބުނީ ރެޔަކީ އޭނާއަށް ވަރަށް ޚާއްސަ ރެޔެއްކަމަށާއި، ބާނަބޯއިން ސަޕޯޓަރުން އޭނާގެ ނަން ގޮވާ އަޑުއިވުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް ސީދާވުންކަމަށެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ގްރޫޕް އޭ ގެ ދެވަނާގައި ރެއަލްމެޑްރިޑް އޮތްއިރު މިގްރޫޕްގެ އެއްވަނާގައި އޮތް ޕީއެސްޖީ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޖުމްލަ 12 ޕޮއިންޓާއެކުގައެވެ.



