ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް ނޮވެމްބަރު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ވޭތުވެދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ނިންމާލާފައިވާއިރު، ހުކުމް ކުރުމަށް އޭރު ތާވަލުކުރީ މިމަހުގެ 5 ވަނަ ދުވަހަށެވެ. ނަމަވެސް ހުކުމް ކުރަން އޮތް ދުވަހުގެ ހެނދުނު ޖޭއެސްސީއިން ވަނީ އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޟީ ހައިލަމް ސަސްޕެންޑްކޮށްފައެވެ.
ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ޔާމީނަށް ހުކުމް ކުރުމަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމެވި ނަމަވެސް، މައްސަލަ ބައްލަވާ ގާޟީ ބަދަލުވުމާއި ގުޅިގެން އެދުވަހު ހުކުމް އިއްވާނެކަމަށް ނުބެލެވެއެވެ.
މައްސަލަ ބައްލަވާ ގާޟީ ބަދަލުވެއްޖެނަމަ، ހުކުމްގެ ކުރިން އިތުރު އަޑުއެހުމެއް ބާއްވައި މައްސަލައިގެ މަޢުލޫމާތު ސާފުކުރުމަކީ މިހާރު ކްރިމިނަލް ކޯޓުން ޢަމަލުކުރަމުންދާ ޢާއްމު އުޞޫލެވެ.
ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާގައި ހުކުމަކާ ހަމައަށް ގޮސްފައިވީ ނަމަވެސް، ގާޟީ ބަދަލުވުމާއެކު ޝަރީއަތް އަލުން ފެށުމުގެ ފުރުޞަތު އެބައޮތްކަމަށް ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވިނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ އެފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ނޯންނާނެ ކަމަށެވެ.




