ހއ. ހޯރަފުށީގައި އިމާރާތްކުރި ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ ހޯމް އެފެއެރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ހޯރަފުށީގައި ފުލުހުންގެ އައު އިމާރާތެއް ހުޅުވިގެންދާކަމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ހަދިޔާއެއްކަމަށާއި މި ހަދިޔާގެ ފަހަތުގައިވަނީ ރަށުގެ އަމާންކަމާއި ރަށުގެ ސުލްޙަވެރިކަމާއި ރައްޔިތުންގެ ރައްކާތެރިކަންކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ މުޖުތަމަޢުއަކަށް ބޭނުންވާ އެންމެ މުހިންމު އެއްބަހާއަކީ އެމުޖުތަމަޢުގެ ސުލްހަވެރިކަމާއި އަމާންކަމާއި ރައްކާތެރިކަންކަން ފާހަގަކުރައްވައި، ކޮންމެ އިންސާނީ މުޖުތަމަޢުއެއް ދެމިއޮވެ ކުރިއަރައި ދިއުމަށްޓަކައި މުޖުތަމައުއަކަށް ލިބެންޖެހޭ ތަނަވަސްކަމާއި އުފާފާގަތިކަމުގެ އަސްލަކީ އެމުޖުތަމައުއެއްގައި އޮންނަ އަމާންކަމާއި ރައްކާތެރިކަންކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެސަރަޙައްދެއްގައި ނުވަތަ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުން އެރަށަކަށް ހާއްސަވާ ކަންކަމަށް ސަމާލުވެ އެކަންކަމަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދީ ޚިދުމަތްތައް ފުޅާކުރުމަކީ މުހިންމުކަމެއް ދީފައިވާކަމެއްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ނެއިބަރހުޑް ޕޮލިސިންގގެ މޮޑެލްއެއް ތައާރަފްކޮށް އެޚިދުމަތް މީހަރު ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި، މިޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް މި ޚިދުމަތް މިހާރު ދެމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްވެގެން ދިއުމުގެ ނަތީޖާއަކަށް ވެގެންދާނީ ފުލުހުން ރައްޔިތުންނާ ގުޅިގެން ކުށްމަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި، އެރަށެއްގައި ހުރި މުއައްސަސާތަކާއި އެރަށެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތްކޮށް ހެޔޮބަދަލުތަކެއް ގެނައުންކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކުފުޅުގައި ރަށުގެ ކުށުވެއްޓާއި މަސްތުވާތަކެތީގެ ހާލަތު އޮތީ ރައްޔިތުން ކަންބޮޑުވާ ހާލަތެއްގައިކަމަށާއި މިފަދަ މައްސަލަތައް ހައްލުކޮށްދެއްވުމަށާއި ރަށުގައި މަސައްކަތްކުރާ ފުލުހުން އިތުރުކޮށް، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދެއްވުމަށް އެދިލެއްވިއެވެ. އަދި ރަށުގެ މުޖުތަމައު ކުށުގެވެށިން ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށާއި ފުލުހުންކުރަމުންދާ މަސައްކަތްތަކަށް ކައުންސިލާ ރައްޔިތުންގެ އެބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިން އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އާއި ހޯރަފުށީ ކައުންސިލްގެ މެމްބަރުންނާއި ހޯރަފުށީގައިހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންނާއި ހޯރަފުށީގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. ރޭ ހުޅުވި މި ސްޓޭޝަންގައި އޮފީސް އިމާރާތަކާއި އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ސެލްތަކެއްގެ އިތުރުން މެސްރޫމެއް ޤާއިމްކޮށްފައިވެއެވެ.




